ދެމަފިރިން ވަރިވި ނަމަވެސް ސަރުކާރުގެ ސޯޝަލް ހައުސިންގް ސްކީމްތަކުގެ ދަށުން ލިބޭ ފްލެޓް ނުވަތަ ބޯހިޔާވަހިކަމުގެ ހައްގު ނުގެއްލޭނެ ގޮތް ހަމަޖެއްސުމަށް، އާއިލާއާ ބެހޭ ޤާނޫނަށް އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި އިސްލާހު ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.
އިސްލާހު ހުށަހެޅި ސަބަބެއްގެ ގޮތުގައި މެންބަރު ފާހަގަކުރައްވާފައިވަނީ، ސަރުކާރުގެ ސޯޝަލް ހައުސިންގް ސްކީމްތަކުން ފްލެޓާއި ގޯތި ދިނުމުގައި ކައިވެނިކޮށްގެން އުޅުމާއި ދަރިން ތިބި އަދަދަށް ބަލައި ޕޮއިންޓް ދޭ ނަމަވެސް، ފްލެޓް ރަޖިސްޓްރީކުރެވެނީ ދެމަފިރިންގެ ތެރެއިން އެކަކުގެ ނަމުގައި ކަމަށް ވުމުން، ވަރިވާ ހާލަތްތަކުގައި ނަމުގައި ނެތް އަނެއް ފަރާތުގެ ހައްގު ގެއްލި މަގުމަތިވާ ގޮތް ދިމާވާތީއެވެ. އަދި ކުދިން ބަލާ ފަރާތަށް ބޯހިޔާވަހިކަމެއް ނެތުމުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަކީވެސް އިސްލާހުގެ މަޤްޞަދެކެވެ.
ކުޑޫ ވިދާޅުވި ގޮތުގައި، މިފަދަ ސްކީމްތައް ފަރުމާކޮށްފައި އޮންނަނީ ވަކި މީހަކަށް ދޭ ބޯހިޔާވަހިކަމެއްގެ ގޮތުގައި ނޫން، އާއިލާއަކަށް ދޭ ބޯހިޔާވަހިކަމެއްގެ ގޮތުގައެވެ.
ދެމަފިރިން ވަކިވުމުގެ ކުރިން އެކުގައި ހޯދާފައިވާ މުދާ ބެހުމުގެ އުސޫލު އާއިލާއާ ބެހޭ ޤާނޫނުގެ 32 ވަނަ މާއްދާގައި އޮތް ނަމަވެސް، ދައުލަތުގެ ސްކީމްތަކުގެ ދަށުން ލިބޭ ބޯހިޔާވަހިކަމާ ގުޅޭ ސާފު އުސޫލެއް ނެތުމުން، ކޯޓުތަކުން އެފަދަ މައްސަލަތައް ނިންމުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށް ބިލުގައި ފާހަގަކޮށްފައިވެއެވެ.
"އެހެންކަމުން މި އިސްލާހުގެ ބޭނުމަކީ އެ މާއްދާއަށް ބަދަލު ގެނެސް، ދައުލަތުގެ ސްކީމްތަކުގެ ދަށުން ލިބޭ ފްލެޓާއި، އެހެނިހެން މުދަލަކީ ދެމަފިރިންނަށް ހަމަހަމަ ހައްގު ލިބޭ މުދަލުގެ ގޮތުގައި ހަމަޖެއްސުމާއި، ދައުލަތުން އެ މުދަލެއް ދިނުމުގެ މަގުސަދު ކަމަށްވާ އާއިލާއަށް ބޯހިޔާވަހިކަން ކަށަވަރުވާނޭ ގޮތަށް އެ މާއްދާ ބަދަލުކުރުން،" ކުޑޫ ވިދާޅުވިއެވެ.
އިސްލާހުގައި ހިމެނޭ މައިގަނޑު ކަންކަމުގެ ތެރޭގައި ހިމެނެނީ:
- ދައުލަތުގެ ސްކީމެއްގެ ދަށުން ލިބުނު ތަނެއް ދެމަފިރިންގެ ތެރެއިން އެކަކުގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތަސް، އެއީ އާއިލާއަށް ލިބިފައިވާ ތަނެއްގެ ގޮތުގައި ބަލައި، ވަރިވުމަށްފަހުވެސް ދެ ފަރާތަށް އެތަނުގެ މައްޗަށް ހަމަހަމަ ހައްގު ލިބުން
- ވަކިވުމަށްފަހު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ދަރިން ބެލުމާ ހަވާލުވާ ފަރާތަށް އެ ބޯހިޔާވަހިކަމުގައި ދިރިއުޅެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ބާރު ކޯޓަށް ދިނުން
- އަނެއް ފަރާތުގެ ހައްގު ގެއްލޭގޮތަށް ތަން ދޫކޮށްލުން، ވިއްކާލުން ނުވަތަ ނަން ބަދަލުކުރުން ފަދަ ކަންކަން ނުކުރެވޭނެ ގޮތް ހެދުން
- ބޯހިޔާވަހިކަމާ ގުޅިގެން ދައްކަންޖެހޭ ފައިސާ ނުވަތަ ލޯނުގެ ޒިންމާ، ދެ ފަރާތުގެ މާލީ ހާލަތަށް ބަލައި ބެހުމުގެ އުސޫލު ކޯޓުން ކަނޑައެޅުން






