މިހާރު މުޖުތަމަޢުގައި މީހުންގެ އަބުރާއި މުދަލަށް އަރައިގަތުމަކީ، މާޒީގައި "ބިރަކާ ނުލައި މަޖާކުރުމަށް" ކުރެވުނު ގޮވާލުމުގެ ނަތީޖާ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
އައިބީ މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ހުށަހެޅި ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލުގެ ބަހުސްގައި މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް އެވެ.
"މިއީ އަޅުގަނޑުމެންގެ ތެރޭގައި ބިރަކާ ނުލައި މަޖާކުރުމަށް ގޮވާލި ގޮވާލުމުގެ ނަތީޖާ. އެއްވެސް ކަމަކަށް މިހާރު ބިރެއް ނެތް. ދައްކަން ބޭނުން ކޮންމެ ވާހަކައެއް ދައްކަނީ، މީހުންގެ މުދާތަކަށް އަރައިގަންނަނީ، މީހުންގެ ވިޔަފާރި ބޮއިކޮޓްކޮށްލަނީ، އަބުރަށް އަރައިގަންނަނީ،" އައިބީ ވިދާޅުވިއެވެ.
ދިވެހި މުޖުތަމަޢުގައި އޮތް އެކަކު އަނެކަކަށް އަޅާލުމާއި އަދަބު އިޙްތިރާމް ކުރުމުގެ ރިވެތި އާދަކާދަތައް ފަނޑުވެގެން ދިޔައީވެސް އެ ގޮވާލުމުގެ ސަބަބުން ކަމަށް އައިބީ ވިދާޅުވިއެވެ.
ދުނިޔޭގެ ތަހުޒީބު ޤައުމުތަކުގައި ޤާނޫނުތަކުގެ ތެރެއިން އިންސާނާގެ އަބުރާއި މުދަލާއި ގެދޮރު ރައްކާތެރިކޮށްދީ، އަބުރަށް އަރައިގަތުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެކަމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަން އައިބީ ފާހަގަކުރެއްވިއެވެ.
ކުރީގެ ހާލަތާއި މިހާރުގެ ހާލަތު އަޅާކިޔުއްވަމުން އައިބީ ވިދާޅުވީ، ކުރީ ޒަމާނުގައި ދިރިއުޅުން މިހާރަށްވުރެ ދަތި ނަމަވެސް، އޭރު ފެނިގެންދިޔައީ ކުޑަކުދިން ބޮޑެތި މީހުންނަށް އިޙްތިރާމް ކުރާ، އަދި އަވަށްޓެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އޮތް މުޖުތަމަޢެއް ކަމަށެވެ. ނަމަވެސް މިއަދު މަގުމަތީގައި އަމާންކަމާއި ރައްކާތެރިކަމާއެކު އުޅެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ސޯޝަލް މީޑިއާއާއި ޓީވީ ޕްރޮގްރާމުތަކާއި ސްޓޭޖުތަކުގައިވެސް މީހުންގެ އަބުރު ކަތިލަމުންދާ ކަމަށް ވިދާޅުވި އައިބީ، މިކަމުގެ ނޭދެވޭ އަސަރު ކުޑަކުދިންނަށް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. ސްކޫލު ދޮށުންނާއި މަގުމަތިން ފުރައްސާރަކުރުމާއި ކުދިންގެ ފޮޓޯ ނަގައި އާންމުކުރުން ފަދަ ކަންކަން ހިނގަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މުޖުތަމަޢުގައި އަދަބު އިޙްތިރާމް އާލާކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢާއި މިފަދަ ޤާނޫނީ ފިޔަވަޅުތަކުގެ ސަބަބުން މުޖުތަމަޢުގެ ފަސާދަ ނިމި، ދިވެހިންނަށް އުފާވެރިކަމާއި އިޙްތިރާމާއެކު ދިރިއުޅުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އައިބީ ވިދާޅުވިއެވެ.






