Monday, November 16
ކުޑަކުދިންނަށް ޖިންސީ ގޯނާކުރި 20 މީހަކު ގޭބަންދުގައި ތިބި މައްސަލަ ބަލަން މެންބަރު ކުޑޫ އެދިއްޖެ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރުގައި ހިމެނޭ 20 މީހަކު ޖަލުގެ ބަދަލުގައި ގޭބަންދުގައި ތިބި މައްސަލަ ބެލުމަށް، ކަމާބެހޭ އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެދިވަޑައިގެންފިއެވެ.

މިކަމަށް އެދި މެންބަރު ކުޑޫ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި ވިދާޅުވެފައިވަނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް (ސީ.އެފް.ޕީ.އެސް) އިން ޢާންމުކޮށްފައިވާ ދަފްތަރުގައި ހިމެނޭ 20 މީހަކު މިހާރު ތިބީ ގޭބަންދުގައި ކަމަށެވެ. އަދި އެ މީހުންގެ ލިސްޓެއް ވެސް ސިޓީއާއެކު ވަނީ ހިމަނުއްވާފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ބަންދުކުރާ މީހާގެ މައްޗަށް ކަފާލާތުގެ އުޞޫލެއް ނުވަތަ ޕެރޯލްގެ އުޞޫލެއް ނުހިނގާނެ ކަމަށް ބަޔާންކޮށްފައިވާކަން ކުޑޫ ވަނީ ފާހަގަކުރައްވާފައެވެ. އަދި ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގައި ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކަށް ޕެރޯލްގެ ފުރުޞަތު ނުލިބޭނެކަން ކަނޑައަޅާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެ ޤާނޫނުތަކުގެ މަޤްޞަދަކީ މިފަދަ ކުށްވެރިން ހުކުމް ފުރިހަމަވަންދެން ޖަލުގައި ބައިތިއްބައިގެން ކުޑަކުދިން ރައްކާތެރިކުރުން ކަމަށާއި، އެ މީހުން ޖަލުން ގޭބަންދަށް ބަދަލުކުރެވިފައިވަނީ ކޮން ގޮތަކުންތޯ ސާފުކުރަން ބޭނުންވާ ކަމަށް ކުޑޫ ވިދާޅުވިއެވެ.

ކޮމިޓީ މެދުވެރިކޮށް ސާފުކުރުމަށް އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރޭގައި، އެ މީހުން ގޭބަންދަށް ބަދަލުކުރީ ކޮން ޤާނޫނެއްގެ ދަށުންތޯއާއި ކޮން ޝަރުޠުތަކާއެކުތޯ ސާފުކުރުން ހިމެނެއެވެ. އަދި އެ މީހުން ތިބި ގެތަކާއި ރަށްރަށުގައި ކުޑަކުދިން ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯއާއި، އިލެކްޓްރޯނިކް ޓެގް އަޅުވައިގެން އެ މީހުން ބަލަހައްޓާނެ ނިޒާމެއް އޮތްތޯ ވެސް ސާފުކުރަން ކުޑޫ ވަނީ އެދިވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު