Monday, November 16
ކުރީގެ ވެރިންގެ ފިނޑިކަމުން މަގުމަތީގައި މީހުން މެރުން އާންމުވި: ޝުޖާއު

ކުރީގެ ވެރިކަންތަކުގައި ތިއްބެވި ވެރިންގެ ފިނޑިކަމާއި، އިސްލާމީ ޝަރީޢަތާ އެއްގޮތަށް ކަންކަން ނުހިންގުމުގެ ސަބަބުން ރާއްޖޭގައި މަގުމަތީގައި މީހުން މެރުން އާންމުވެގެން ދިޔަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ތަންފީޒުކުރުމާ ގުޅޭ ގޮތުން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ އިބްތިދާއީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ، މިހާރުގެ ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށުމަށްފަހު ވޭތުވެދިޔަ ބައެއް ވެރިކަންތަކުގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މީހުން މެރުމުގެ ހާދިސާތައް ހިނގާފައިވާ ކަމަށެވެ.

ކުރީގެ ރައީސް ޔާމީނާއި ރައީސް ޞާލިޙުގެ ވެރިކަމުގައި މީހުން މެރުން އާންމުވެގެން ދިޔައީ ﷲގެ ހުކުމްތައް ތަންފީޒުނުކުރުމުގެ ސަބަބުން ކަމަށާއި، އެފަދަ ބިރުވެރި ހާލަތަކަށް ޤައުމު ވެއްޓިގެން ދިޔައީ އިސްލާމީ ޝަރީޢަތާ އެއްގޮތަށް އަމަލުނުކުރެވުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒުކުރުމަކީ ސިޔާސީ މައްސަލައެއް ނޫން ކަމަށާއި، ބޭރު ޤައުމުތަކުގެ އެހީ ނުލިބިދާނެތީ ނުވަތަ ބޭރުގެ ގުޅުންތަކަށް ބުރޫއަރާފާނެތީ ﷲގެ ހުކުމްތައް ތަންފީޒުނުކޮށް ފަސްޖެހިއްޖެނަމަ، ދިވެހިންނަށް ލިބިފައިވާ ނިޢުމަތްތަކުން މަހުރޫމްވެދާނެ ކަމަށެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި، މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ބިލެއް ސަރުކާރުން މަޖިލީހަށް ފޮނުއްވީ، ﷲގެ ހުކުމްފުޅުތައް ތަންފީޒުކުރުމުގެ ކެރުމާއި ހިތްވަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކިބައިގައި ހުރުމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު