ފުލުހުންނަށް ހިންގާ ތަމްރީނު ކޯސްތަކުގައި "އިޙުތިރާމް" ވަކި މާއްދާއެއްގެ ގޮތުގައި ހިމެނުމަށް ނިންމާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސީޕީ މިހެން ވިދާޅުވީ މިއަދު ލ. ހިތަދޫ ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތަށް ނިންމީ ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ އިޙުތިރާމް އަދާކުރުމުގެ ކެމްޕެއިން އިފްތިތާޙުކުރުމާ ގުޅިގެން ކަމަށް ސީޕީ ވިދާޅުވިއެވެ.
އެގޮތުން، ފުލުހުންގެ ޚިދުމަތުގެ އަސާސީ ތަމްރީނު ކޯހާއި ޚާއްޞަ އޮޕަރޭޝަނަލް އަދި ފަންނީ ތަމްރީނުތަކުގައި "އިޙުތިރާމް" މޮޑިއުލެއްގެ ގޮތުގައި ހިމެނޭނެއެވެ.
މީގެ ސަބަބުން ފުލުހުންގެ މެދުގައި އެކަކު އަނެކަކަށް އިޙުތިރާމްކުރުމާއި، ފަންނީ މިންގަނޑުތައް ހިފެހެއްޓުމާއި، އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ ސިފަ އަށަގެންނެވުމަށް އިތުރު އެހީއެއް ލިބިގެންދާނެ ކަމަށް ވެސް ސީޕީ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިސްނެގުމުގައި އިޙުތިރާމް އަދާކުރުމުގެ ޤައުމީ ކެމްޕެއިން ރޭ ވަނީ ރަސްމީކޮށް ފަށާފައެވެ.






