މާލޭ ވިޔަފާރި ބަނދަރުން ތިލަފުށި ކާގޯ ޓާމިނަލަށް ކަނޑުމަގުން ކޮންޓެއިނަރު ގެންދިއުމަށް ނަގާނެ ވަކި ރޭޓްތަކެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ކަނޑައަޅައިފިއެވެ.
އެމްޕީއެލްއިން ހާމަކުރި ގޮތުގައި، 20 ފޫޓުގެ ކޮންޓެއިނަރަކަށް 1،500 ރުފިޔާ އަދި 40 ފޫޓުގެ ކޮންޓެއިނަރަކަށް 3،000 ރުފިޔާ ނަގާނެއެވެ.
ކަނޑުމަގުން މުދަލާއެކު ހުރި ގޮތަށް ކްލިއާކުރާ "ފުލް ކޮންޓެއިނަރ ލޯޑް" (އެފްސީއެލް) ކޮންޓެއިނަރުތައް ކްލިއާކުރުމުގެ މަސައްކަތް ތިލަފުށި ކާގޯ ޓާމިނަލަށް ބަދަލުކޮށް، އެ ޓާމިނަލްގައި އެ ޚިދުމަތް ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ފަށައިފައެވެ.
އޮކްޓޫބަރު 27 އިން ފެށިގެން ނޮވެމްބަރު 14 އާ ހަމައަށް ތިލަފުއްޓަށް އެފްސީއެލް ކޮންޓެއިނަރު ގެންދިއުމަށް ނަގަމުން އައީ، މާލޭ ވިޔަފާރި ބަނދަރުން ހުޅުމާލެ ޓާމިނަލަށް ކަނޑުމަގުން ކޮންޓެއިނަރު ގެންދިއުމަށް ނަގާ ޓެރިފެވެ.
މި ބަދަލު ގެނައީ މާލެއާއި ތިލަފުއްޓާ ދެމެދު ހުރި ދުރުމިނަށް ރިޢާޔަތްކޮށް، މި ޚިދުމަތަށް އެކަށޭނަ އަގުތަކެއް ކަނޑައެޅުމުގެ މަޤްޞަދުގައި ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.






