އާދިއްތަ, November 15
ބޯކޮށް ވާރޭވެހި ހިންނަވަރާއި ގުރައިދޫގައި ފެންބޮޑުވެއްޖެ

މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، ޅ. ހިންނަވަރާއި ކ. ގުރައިދޫގައި ފެންބޮޑުވެ ގެތަކަށް ފެން ވަދެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ހާމަކުރި ގޮތުގައި، ހިންނަވަރަށް ބޯކޮށް ވާރޭވެހި މުޅި ރަށުގައި ފެންބޮޑުވެ ގެތަކަށް ފެން ވަންނަމުންދެއެވެ. ފެން ވަންނަ ގެތަކުގައި ވެލިބަސްތާ ޖެހުމާއި، ރަށު ކައުންސިލްގެ އިސްނެގުމުގެ ދަށުން ޕަންޕެއްގެ އެހީގައި ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ހިންނަވަރުގައި ހުރި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޕަންޕުތައް ހަލާކުވެފައި ހުރުމުން، އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދިފައިވާ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

ހިންނަވަރު ކައުންސިލްގެ ރައީސް މުޙައްމަދު ޢައްފާން ވިދާޅުވީ، ރަށަށް އަދިވެސް ބޯކޮށް ވާރޭވެހެމުންދާ ކަމަށާއި، ދެ ސަރަހައްދެއްގައި ޕަންޕު ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެމްއެންޑީއެފުން އައިސް ދެވަނަ ޕަންޕެއް ޖައްސައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގުރައިދޫގައިވެސް ބޯކޮށް ވާރޭވެހި ގެތަކަށް ފެން ވަންނަ ހިސާބަށް ފެންގަނޑު އުފުލިފައިވާއިރު، ރަށު ކައުންސިލްގެ ދެ ޕަންޕުވެސް ހަލާކުވެފައި ހުރުމުން ފެން ހިއްކުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ބުނެފައިވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު 14:00 އިން 18:00 އާ ހަމައަށް ށ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ގިނަ ރަށްރަށުން ފެންބޮޑުވެ، ބައެއް ރަށްރަށުގައި ގެތަކަށް ފެން ވަދެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު