މަރުގެ އަދަބު ތަންފީޒުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ގޮވާލައި އދ.ގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރަކާ ދެކޮޅަށް ދިވެހިރާއްޖެއިން ވޯޓުދީފިއެވެ.
މެކްސިކޯއިން ހުށަހެޅި މި ގަރާރު ފާސްކުރީ 133 ޤައުމެއްގެ ތާއީދާއެކުއެވެ. ރާއްޖެ ހިމެނޭ ގޮތަށް 33 ޤައުމަކުން ވަނީ ގަރާރާ ދެކޮޅަށް ވޯޓުދީފައެވެ.
ރާއްޖެއާއެކު މި ގަރާރާ ދެކޮޅަށް ވޯޓުދިން ޤައުމުތަކުގެ ތެރޭގައި އެމެރިކާ، އިންޑިއާ، ޗައިނާ، ޖަޕާން، ޕާކިސްތާން، މިސްރު، ސަޢޫދީ ޢަރަބިއްޔާ، ބަހްރައިން، ކުވައިތު، އޮމާން އަދި ގަތަރު ހިމެނެއެވެ.
ގަރާރުގައި މަރުގެ އަދަބު ދެމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މަރުގެ އަދަބު މުޅިން އުވާލުމުގެ މަގުސަދުގައި އެ އަދަބު ތަންފީޒުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށާއި، މަރުގެ އަދަބު އުވާލާފައިވާ ޤައުމުތަކުން އަލުން އެ އަދަބު ތައާރަފު ނުކުރުމަށް ގޮވާލާފައިވެއެވެ.
ރާއްޖޭގައި ދަންޖައްސައިގެން މަރުގެ އަދަބު ދިނުމާއި އެ އަދަބު ތަންފީޒުކުރުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ބަޔާންކުރާ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.
އެ ބިލުގެ ދަށުން، މަތީ މަރުޙަލާގެ ކޯޓުތަކުން މައްސަލަ ބަލައި ނިހާއީ ޙުކުމަކަށް ވާސިލުވުމަށްފަހު މެނުވީ މަރުގެ އަދަބު ތަންފީޒެއް ނުކުރެވޭނެއެވެ.






