އާދިއްތަ, November 15
ހުވަދޫ ކަނޑުގައި ގެއްލުނު ސިފައިންގެ އިބްރާހީމްގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރަނީ

ހުވަދޫ ކަނޑުގައި ސަޕްލައި ދޯންޏެއް އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ސްޓާފް ސާޖަންޓް އިބްރާހީމް އަހްމަދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރަން ނިންމައިފިއެވެ.

މި މަސައްކަތް އިންތިޒާމުކޮށް ކުރިއަށް ގެންދަނީ ގދ. ތިނަދޫގައި ކުޅިވަރު މުބާރާތްތަކާއި ޒުވާނުންނާ ގުޅުންހުރި އެކި ހަރަކާތްތައް ހިންގާ ލޮކާސް ޖަމިއްޔާއިންނެވެ. މިސްކިތް ބިނާކުރުމަށް އާންމުންގެ އެހީތެރިކަމަށް ރޭ ވަނީ ހުޅުވާލާފައެވެ.

ލޮކާސް ޖަމިއްޔާއިން ހާމަކުރި ގޮތުގައި، މިސްކިތް ބިނާކުރަނީ 950 އަކަފޫޓުގެ ބިމެއްގައެވެ. 120 މީހުންގެ ޖާގަ ހުންނަ މި މިސްކިތުގެ މަޝްރޫޢަށް 300،000 ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.

ތިނަދޫ ސިޓީއަށް ނިސްބަތްވާ އިބްރާހީމަކީ ފުޓްސަލްގައި ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވި މީހެކެވެ. އޭނާގެ އާއިލާގެ މެންބަރަކު ވެސް ވަނީ، މި މަސައްކަތަށް ވީވަރަކުން އެހީތެރިވެދިނުމަށް އެދި ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައެވެ.

ސަޕްލައި ދޯނި "ފްރެންޑް ހަތަރެއް" ތިލަފުށިން މުދާ ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރީ މިދިޔަ އޯގަސްޓު މަހުގެ 2 ވަނަ ދުވަހުއެވެ. އެ ދޯނި ދިޔަވެ އަޑިއަށްދާ ކަމުގެ މަޢުލޫމާތު 5 ވަނަ ދުވަހުގެ ރޭ ލިބުމާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހިންގި ސަލާމަތީ އޮޕަރޭޝަނުގައި، ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހުން ވަނީ ސަލާމަތްކޮށްފައެވެ.

އެ ހާދިސާގައި އިބްރާހީމްގެ އިތުރުން ގެއްލިފައިވަނީ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ހަމްދޫނާއި، މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ފުލުހުންގެ ސާޖަންޓް އަލީ ނާފިއުއެވެ. އެ މީހުން ހޯދުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަން ހުއްޓާލާފައިވާކަން އެމްއެންޑީއެފުން ހާމަކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު