މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހއ. ދިއްދޫން 60 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. މާހަލް / މާލެ، ޢަބްދުޙަންނާން އާދަމް (60އ) އެވެ. އޭނާ ހައްޔަރުކުރީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހއ. އަތޮޅު ޑްރަގް އެންފޯސްމަންޓް ގުޅިގެން، މި މަހުގެ 13 ގައި ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުން ބުނީ ހއ. ދިއްދޫ ބަނދަރުގެ ދެކުނުފަރާތު ރަސްމީ ސިޑި ކައިރިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ތިން ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ، ވަގުތީ ބަރުދަނުގައި 16.3 ގްރާމް ހުރި ތަކެތި ހިމެނޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.






