އާދިއްތަ, November 15
ތިލަފުށީ އެމްޕީއެލް ސައިޓު ތަރައްޤީކުރުމުގެ ‎67%‎ މަސައްކަތް ނިމިއްޖެ

ކ. ތިލަފުށީގައި ހުންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސައިޓުގައި 100 މީޓަރުގެ އެއްގަމުތޮށި ހަދައި ޕޭވިންގ އެޅުމުގެ މަޝްރޫއުގެ 67 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރުގެ ބޭސިން ހިއްކުމާއި، 30 ޓަނުގެ ބޯލާޑްތައް ޖެހުމާއި، 6،775 އަކަމީޓަރުގެ ސަރަހައްދު ޕޭވްކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ. މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެމްޕީއެލްއިން ހާމަކުރި ގޮތުގައި، މި ސަރަހައްދު ކްލިއަރެންސް އޮޕަރޭޝަންތަކަށް ބޭނުންކުރެވެން ފެށުމުން، މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލޭ އިންޓަނޭޝަނަލް ޓަރމިނަލުން ކަނޑުމަގުން މުދާ ކްލިއާކުރުމުގެ ބޮޑު ބައެއް މި ސަރަހައްދަށް ބަދަލުކުރެވޭނެއެވެ.

މި މަޝްރޫއު ނިމުމުން މާލޭ ވިޔަފާރި ބަނދަރަށް ބާރުބޮޑުވާ މިންވަރު ކުޑަކުރެވި، ތިލަފުށްޓަށް މުދާ އެތެރެކުރުމާއި ބޭލުމާއި ބަރުކުރުމުގެ މަސައްކަތްތައް މިހާރަށްވުރެ އަވަސްކޮށް ރައްކާތެރިކަމާއެކު ކުރިއަށް ގެންދެވޭނެއެވެ.

ނަމަވެސް، ތިލަފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއު ފުރިހަމަވުމުން، މި ސަރަހައްދު ބޭނުންކުރާނީ އެމްޕީއެލްގެ އުޅަނދުތަކަށް ޚާއްޞަ "ސަރވިސް ކީ" އެއްގެ ގޮތުގައި ކަމަށް ވެސް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

ތިލަފުށި ބަނދަރު 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޚިދުމަތަށް ހުޅުވާލައި، މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތައް އެ ބަނދަރަށް ބަދަލުކުރުމަކީ އެމްޕީއެލްގެ އަމާޒެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު