މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފިޓުޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ މީހެއްގެ ޣައިރު ހާޒިރުގައި، އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރި ކަމުގެ ތުހުމަތުގައެވެ.
ކޯޓު އަމުރުގައިވާ ގޮތުން، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުލުހުން އެދިފައިވަނީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފިޓުޖެހިގެން ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާތީއެވެ. އެކަން ހާމަކޮށްދޭ ހޮސްޕިޓަލުގެ ލިޔެކިޔުންވެސް ފުލުހުން ވަނީ ކޯޓަށް ހުށަހަޅާފައެވެ.
އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަށް ބާރުދޭ ހެކި ހުށަހަޅާފައިވާ ކަމަށާއި، އޭގެ ތެރޭގައި އިންޓެލިޖެންސް ރިޕޯޓާއި ސީނަށް ދިޔަ ފުލުހެއްގެ ހެކިބަހުގެ ބަޔާނާއި، އޭނާގެ ހައްޔަރާއި ބަންދުގެ ރެކޯޑުތައް ހިމެނޭ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ޣައިރު ހާޒިރުގައި ބަންދާމެދު ގޮތެއް ނިންމި ނަމަވެސް، އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ގެނެވޭ ހާލަތަކަށް ބަދަލުވާ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި އަލުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، ބަންދާމެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް ކޯޓުން ވަނީ ފުލުހުންނަށް އަންގާފައެވެ.






