މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް އަޅާ ފިޔަވަޅުތަކަކީ އަދުލުވެރި، އަދި ހުރިހާ ޤައުމުތަކުގެ ހާލަތަށް ރިޢާޔަތްކުރެވިގެން އެކަށައެޅޭ ފިޔަވަޅުތަކަކަށް ވާންޖެހޭނެ ކަމަށް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ކޮޕް31 ގެ ހަވާސާގައި ބޭއްވުނު "ރެސްޕޮންސް މެޝާސް އިމްޕްލިމެންޓޭޝަން ވޯކްޝޮޕް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި މަސައްކަތު ބައްދަލުވުން ބޭއްވީ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޤައުމުތަކަށް އިޤްތިޞާދީ އަދި އިޖުތިމާއީ ގޮތުން ކުރާ އަސަރުތައް ކުޑަކުރުމާއި، އެ ފިޔަވަޅުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށެވެ.
ވޯކްޝޮޕުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، ބައިނަލްއަޤްވާމީ ފެންވަރުގައި އަޅާ ފިޔަވަޅުތަކުގެ ސަބަބުން އެފަދަ ނާޒުކު ޤައުމުތަކުގެ އިޤްތިޞާދަށް އަތުވެދާނެ ލޮޅުންތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މީގެ އިތުރުން، ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމުތަކަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް ވެސް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ.
މި ވޯކްޝޮޕުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ވަޒީރުންނާއި، ތިމާވެށީގެ ދާއިރާގެ އިސް މާހިރުންގެ އިތުރުން ބައިނަލްއަޤްވާމީ ޖަމިއްޔާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.






