މޫސުމީ ބަދަލުތަކުގެ ސަބަބުން ގެއްލުންވާ ޤައުމުތަކަށް އެހީތެރިވުމަށް އުފައްދާފައިވާ "ލޮސް އެންޑް ޑެމޭޖް ފަންޑު" ފުރިހަމައަށް ހިންގަން ފެށުމުގެ މުހިންމުކަން ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު ޢަލީ ޝަރީފް ފާހަގަކުރައްވައިފިއެވެ.
މިނިސްޓަރު މިކަން ފާހަގަކުރެއްވީ ކޮޕް31 ސަމިޓުގެ ހަވާސާގައި ޖަރުމަނުވިލާތުގެ ބައިނަލްއަޤްވާމީ ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ "ޑޮއިޗެ ވެލެ" އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.
މި އިންޓަވިއުގައި މިނިސްޓަރު ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މާލީ އެހީތެރިކަން ފޯރުކޮށްދިނުން އަވަސްކުރުމަށް ގޮވާލައްވާފައެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކަށް ފަސޭހަކަމާއެކު ލިބޭނެ، ޔަޤީންކަން އޮތް ހިލޭ އެހީގެ މާލީ ނިޒާމެއްގެ ބޭނުންތެރިކަން އިންތިހާއަށް ބޮޑުވެފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ މިންވަރު ބަޔާންކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކަނޑުގެ ލޮނގަނޑު އުފުލުމާއި މޫސުމީ ކާރިސާތަކުގެ ސަބަބުން ރާއްޖޭގެ މައިގަނޑު އިޤްތިޞާދީ ދާއިރާތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން، ތިމާވެއްޓާ ރައްޓެހި ސާފު ހަކަތައަށް ބަދަލުވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، މި އަމާޒަށް ވާސިލުވުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބާރުލުން ބޭނުންވާ މިންވަރުވެސް މިނިސްޓަރު ވަނީ މި އިންޓަވިއުގައި ފާހަގަކުރައްވާފައެވެ.






