އާދިއްތަ, November 15
މާލީ އެހީ ދިނުމުގައި މަލްޓިޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް ބޭނުންކުރުމަށް މިނިސްޓަރު ޝަރީފް ގޮވާލައްވައިފި

ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި މަލްޓިޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް (އެމްވީއައި) ބޭނުންކުރުމަށް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު ޢަލީ ޝަރީފް ގޮވާލައްވައިފިއެވެ.

މިނިސްޓަރު މިގޮތަށް ގޮވާލެއްވީ ކޮޕް31 ސަމިޓުގެ ހަވާސާގައި ކްލައިމެޓް ފައިނޭންސްއާ ގުޅޭގޮތުން ބޭއްވި ހަތްވަނަ ބައިއީނިއަލް ހައިލެވެލް މިނިސްޓީރިއަލް ޑައިލޮގްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، މަލްޓިލޭޓަރަލް ޑިވެލޮޕްމަންޓް ބޭންކްތަކާއި ބައިނަލްއަޤްވާމީ އެހެނިހެން މާލީ އިދާރާތަކުން ޤައުމުތަކުގެ ކުރިއެރުމާއި ނާޒުކު ހާލަތު ވަޒަންކުރާ މިންގަނޑެއްގެ ގޮތުގައި އެމްވީއައި ބޭނުންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

ހަމައެކަނި ޤައުމުތަކުގެ އާމްދަނީއަށް ނުވަތަ ޖީޑީޕީއަށް ބަލައިގެން މާލީ އެހީތެރިކަން ކަނޑައެޅުމަކީ މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ކުދި ޖަޒީރާ ޤައުމުތަކަށް އިންސާފުވެރި ގޮތެއް ނޫން ކަމަށާއި، އެ ޤައުމުތަކުގެ ތިމާވެށީގެ އަދި އިޤްތިޞާދީ ނާޒުކު ހާލަތު ދެނެގަނެވޭނީ މިފަދަ އިންޑެކްސްއެއް ބޭނުންކޮށްގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވަނީ، މާލީ އިދާރާތަކުން ފައިސާ ދޫކުރުމުގެ އުސޫލުތައް މުރާޖަޢާކޮށް، އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ޤައުމުތަކަށް ފަސޭހައިން ފައިނޭންސް ލިބޭނެ މަގު ފަހިކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

މި ޖަލްސާގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ވަޒީރުންނާއި މާލީ އިދާރާތަކުގެ އިސްވެރިން ބައިވެރިވެ، މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު