އާދިއްތަ, November 15
މޫސުމީ ވައުދުތައް އަމަލީ ގޮތުން ފުއްދުމަށް މިނިސްޓަރު ޝަރީފް ގޮވާލައްވައިފި

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ޤައުމުތަކުން ވެފައިވާ ވައުދުތައް އަމަލީ ގޮތުން ފުއްދުމަށް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު ޢަލީ ޝަރީފް ގޮވާލައްވައިފިއެވެ.

ވަޒީރު މިހެން ވިދާޅުވީ ކޮޕް31 ސަމިޓުގެ ހަވާސާގައި ބައިނަލްއަޤްވާމީ ނޫސް އެޖެންސީ "ޕޮލިޓިކޯ" އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ. އެ އިންޓަވިއުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ހަމައެކަނި ވާހަކަތަކަކުން ނުފުދޭނެ ކަމަށާއި، މިހާރުން މިހާރަށް އަމަލީ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ފަސޭހައިން ލިބޭނެ، ލަފާކުރެވޭ އަދި ހިލޭ އެހީގެ ގޮތުގައި ދެވޭ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމަށް މިނިސްޓަރު ވަނީ އަލިއަޅުއްވާލައްވާފައެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މޫސުމީ ވިލުންވެރިކަން އިތުރުކުރުމަކީ ހަމައެކަނި ކުރެވޭ ހޭދައެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، މުސްތަޤްބަލަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެއްގެ ގޮތުގައި ބަލައިގަންނަން ޖެހެއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މޫސުމީ ކާރިސާތަކުގެ ސަބަބުން އެންމެ ބޮޑު ނާޒުކުކަމަކާ ކުރިމަތިލާން ޖެހިފައިވާ ރާއްޖެ ފަދަ ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމައުގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، އަދި ވެފައިވާ ވައުދުތަކަށް އިޙްތިރާމްކޮށް އެކަންކަން ތަންފީޒުކުރުން އަވަސްކުރަން ޖެހިފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު