ހދ. ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އެޅުމަށް ކުރީގެ ސަރުކާރުން ހަވާލުކުރި މަޝްރޫޢު ނުނިމި އެއްބަސްވުން ބާތިލުކުރިއިރު، އެޑްވާންސްގެ ގޮތުގައި ދޫކުރި ފައިސާގެ ތެރެއިން 59 މިލިއަން ރުފިޔާ އަނބުރާ ހޯދިފައި ނުވާކަން އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ ހޯމަ ދުވަހު ޝާއިޢުކުރި، ހައުސިން މިނިސްޓްރީގެ 2018 އިން 2023 އަށް ކުރި އޮޑިޓު ރިޕޯޓުގައިވާ ގޮތުން، މި މަޝްރޫޢަށް އެޑްވާންސްގެ ގޮތުގައި 65.99 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އޭގެ ތެރެއިން މިހާތަނަށް އަނބުރާ ލިބިފައިވަނީ 6.7 މިލިއަން ރުފިޔާ ކަމަށާއި، ދޫކުރި ފައިސާގެ 90 އިންސައްތަ ކަމަށްވާ 59 މިލިއަން ރުފިޔާ އަނބުރާ ހޯދިފައި ނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ކުޅުދުއްފުށީގައި ހައުސިން ޔުނިޓުތައް އެޅުމަށް 2022 ވަނަ އަހަރުގެ ޖުލައި މަހު ހަވާލުކުރީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑުން އުފެއްދި ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ޓްވެންޓީ ތާޑް މެޓަލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕާއެވެ. ދޮންބޭޒް ޕްރައިވެޓް ލިމިޓެޑަކީ ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ރަޝީދުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
މި މަޝްރޫޢު ހަވާލުކުރީ 439.9 މިލިއަން ރުފިޔާއަށް، 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް ހައުސިން ޔުނިޓުތަކުގެ ތަނބުތައް އެޅުމަށްފަހު މަސައްކަތް ކުރިއަށް ނުދިއުމުން އެއްބަސްވުން ބާތިލުކޮށް، ބާކީ މަސައްކަތް ނިންމުމަށް 2025 ވަނަ އަހަރުގެ އޮގަސްޓު މަހު އެޗްޑީސީއާ ވަނީ ހަވާލުކޮށްފައެވެ.
އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުން، އެއްބަސްވުން ބާތިލުކުރިއިރު ނިމިފައިވަނީ މަޝްރޫޢުގެ 18.74 އިންސައްތަ މަސައްކަތެވެ.
ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ނުހޯދުމަކީ ގަވާއިދާ ޚިލާފު ކަމެއް ކަމުން، މާލިއްޔަތު ގަވާއިދުގައި ބަޔާންކުރާ ގޮތަށް އެ ފައިސާ ހޯދުމަށް ފިޔަވަޅު އަޅައި، އެކަމުގައި އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ލަފާދީފައެވެ.






