Saturday, November 14
1448 ވަނަ އަހަރުގެ ހައްޖާ ގުޅޭ އެއްބަސްވުމުގައި ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާ ސޮއިކޮށްފި

1448 ވަނަ އަހަރުގެ ހައްޖު މޫސުމުގައި ދިވެހި ހައްޖުވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭ އެއްބަސްވުމުގައި ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާ ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސަޢޫދީ ޢަރަބިއްޔާގައި ބޭއްވި 6 ވަނަ ހައްޖު ކޮންފަރެންސްގެ ހަވާސާގައެވެ.

ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އުސާމް މުޙައްމަދު ސަޢީދެވެ. ސަޢޫދީ ޢަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. ޢަބްދުލް ފައްތާޙް މަޝާޠެވެ.

ކޮންމެ އަހަރަކު ސޮއިކުރާ މި އެއްބަސްވުމުގައި ހިމެނެނީ ހައްޖު މޫސުމުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އުސޫލުތަކެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ހައްޖުގެ ހިދުމަތްތަކަށް ފައިސާ ދެއްކުމުގައި ގެންގުޅޭނެ އުސޫލުތަކާއި، ރާއްޖެއިން ހައްޖުގެ ހިދުމަތްދޭ ކުންފުނިތަކުން ހިފަހައްޓަންޖެހޭ މިންގަނޑުތައް ވެސް މި އެއްބަސްވުމުގައި ވަނީ ބަޔާންކޮށްފައެވެ.

ދިވެހި ހައްޖުވެރިންގެ އިންތިޒާމުތައް ހަރުދަނާކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ފާއިތުވި ދެ އަހަރުގެ ތެރޭގައި މައްކާ ރޫޓް އިނީޝިއޭޓިވްގެ ހިދުމަތް ރާއްޖެއަށް ތައާރަފުކޮށް، މިނާއާއި އަރަފާތުގައި ހައްޖުވެރިން ތިބޭ ޓެންޓުތަކުގެ ފެންވަރު ވެސް ވަނީ މަތިކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު