Saturday, November 14
ރަސްމާލޭގެ ބިން ބަދަލެއް ނުދީ އަނބުރާ ނަގާނެ: ކުރީގެ ރައީސް ޔާމީން

ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދީފައި އޮތަސް، އެ ބިން އެއްވެސް ބަދަލެއް ނުދީ އަނބުރާ ނަގާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މި ވާހަކަފުޅު ދައްކަވާފައިވަނީ، ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހިންގެ ބިން ދިވެހިންނަށް" ގެ ނަމުގައި ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި އިދިކޮޅުން ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މި ބިން އެމީހުންނަށް ދީފައި އޮތަސް އަނބުރާ ގެންނާނެ. ބަދަލެއް ވެސް ނުދޭނެ. މިއީ ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ފައްތައިގެން ދޭ ބިމެއް ނޫން،" ޔާމީން ވިދާޅުވިއެވެ.

އަދި މި ދަނޑިވަޅަކީ ޕީއެންސީގެ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަދި ފުލުހުންނާއި ސިފައިން ވެސް ބަސް ބުނަން ޖެހިފައިވާ ވަގުތެއް ކަމަށް ޔާމީން ވިދާޅުވިއެވެ.

"މިކަމަށް މިހާރު ބައިވެރިނުވާ ކޮންމެ މީހަކީ މި ކުށުގައި ބައިވެރިވާ މީހެއް. އެހެންވީމާ ދެން އަންނަ ބަޔަކު އައިސް މިކަން ބަދަލުކުރާއިރު، މި އެންމެންނަކީ ޝަރީޢަތުގެ ކުރިމައްޗަށް ހާޒިރުކުރެވޭނެ މީހުން. މި މީހުންނަކީ ޖިނާއީ ތަޙުޤީޤެއް ހިންގޭނެ މީހުން،" އެމަނިކުފާނު ވިދާޅުވިއެވެ.

އެ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދަން ފުރުޞަތު ދީފިނަމަ ރާއްޖޭގައި ސިޔާސީ ޕާޓީއެއް ނޯންނާނެ ކަމަށެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން، ރައީސް އޮފީހުގެ "ދަ ޕަލްސް" ޕޮޑްކާސްޓުގައި މިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ސިޔާސީ މަޤްޞަދުތަކަށްޓަކައި ބައެއް ފަރާތްތަކުން މަޝްރޫއުގެ ޙަޤީޤަތް އޮޅުވާލަމުންދާ ކަމަށެވެ. އަދި މަޝްރޫއުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ދިވެހި ސަރުކާރަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މިދިޔަ ހަފްތާގައި ސަރުކާރުން މަޖިލީހަށް ހުށަހެޅި ރިއަލް އެސްޓޭޓް ބިލުގައި، އިސްރާއީލުގެ ޕާސްޕޯޓު އޮންނަ މީހުންނަށާއި، އިސްރާއީލުގެ ޕާސްޕޯޓާއެކު އެހެން ޤައުމެއްގެ ރައްޔިތުކަން އޮންނަ މީހުންނަށް ވެސް ރާއްޖެއިން ޕްރޮޕަޓީ ނުގަނެވޭ ގޮތަށް މާއްދާތައް ހިމަނާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު