ސިޔާސީ ޖަޒުބާތުތަކުގެ ކުރިއަށް ޤައުމީ އިޚްލާޞްތެރިކަން އިސްކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ހުރަވީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވި ގޮތުގައި، ހުރަވީ ދުވަހުގެ ތާރީޚީ ހާދިސާއަށް ގާތްގަނޑަކަށް ތިން ޤަރުނު ފުރެން ކައިރިވަމުން އަންނައިރު، މިއަދު ދުނިޔޭގެ ކަންކަން ހިނގަމުންދާ ގޮތާއި މިނިވަންކަން ދިފާޢުކުރަން ޖެހޭ ގޮތްތަކާ މެދު ފުންކޮށް ވިސްނުން ވަރަށް މުހިންމެވެ. އަދި ތާރީޚުގެ ލޯގަނޑުން ދައްކާ މަންޒަރުތަކުން ފިލާވަޅު ލިބިގަނެ، މުސްތަޤްބަލު އުޖާލާކުރަން މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން، ޒާތީ އަރާރުންތަކަށްވުރެ ޖަމާޢަތުގެ ބާއްޖަވެރިކަން އިސްކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ކުރިއަށް ޤައުމީ ސަލާމަތާއި، ފުދުންތެރިކަމާއި، ދިވެހި ކޮންމެ ފަރުދެއްގެ އުފާވެރިކަމަށް ތަންދޭން އެބަ ޖެހޭ. ދަރަނީގެ އަޅުވެތިކަމުގައި ފަނާވާން ނުތިބެ ފުދުންތެރިކަމުގެ ފާގަތި ފަތިހަކަށް މަރުޙަބާ ކިޔާން އެބަ ޖެހޭ،" ރައީސް ވިދާޅުވިއެވެ.
ހުރަވީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރައީސް ތަހުނިޔާ އަރިސްކުރައްވާފައިވާއިރު، މަލާބާރީންގެ ކިބައިން ދިވެހި ޤައުމު ސަލާމަތްކުރެއްވި ޤައުމީ ބަޠަލު ދޮންބަންޑާރައިން، ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީންގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ވެސް ދަންނަވާފައިވެއެވެ.
ހިޖުރީ ގޮތުން ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަސް ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ދޮންބަންޑާރައިން އިސްވެހުންނަވައިގެން މަލާބާރީންގެ ކިބައިން ރާއްޖޭގެ މިނިވަންކަން ސަލާމަތްކުރެއްވުމަށް ކުރެއްވި ޖިހާދުގެ ހަނދާން އާކުރުމަށެވެ.






