މިރޭ މާލޭގައި ބޭއްވުމަށް ރާވަމުންދާ އެއްވުމުގެ ތެރޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހިންގާ ޢަމަލުތައް ވަގުތުން ހުއްޓުވައި ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ އެއްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ އަދި އާންމު ދަތުރުފަތުރާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ދިމާވެދާނެ ދަތިތަކާ ގުޅޭ އެއްވެސް މަޢުލޫމާތެއް މިހާތަނަށް އެއްވެސް ފަރާތަކުން ފުލުހުންނާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.
އެހެންކަމުން، ކުރިން އެންގުމަކާ ނުލައި އެއްވުމަށް ހުއްދަކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއް ނުވުމަށާއި، އެއްވެސް ފަރާތަކަށް ދަތި ނުވާނެހެން ޤާނޫނީ އިމުގެ ތެރެއިން އެއްވުން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މި އެއްވުން ބާއްވަނީ ރަސްމާލޭގެ މަޝްރޫޢު އީގަލް ހިލްސްއަށް ދިނުމާ ދެކޮޅަށެވެ. އެ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ މަޖިލީހުން ގަރާރެއް ފާސްކޮށް، ސަރުކާރުން ވޯޓެއް ނުނަގައިފިނަމަ ސީދާ ހަރަކާތަށް ނުކުތުމަށް ވަނީ ނިންމާފައެވެ.
ނަމަވެސް، ރަސްމާލޭގެ މަޝްރޫޢާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.






