ރާއްޖެއަށް ވަންނަ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމަށް ކުރާ މަސައްކަތް އަންނަ އަހަރު އިތުރަށް ހަރުދަނާކުރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު ވިދާޅުވީ، ރާއްޖެއަށް އެތެރެވާ ބޭރު ފައިސާގެ ތެރެއިން ރަސްމީ ބޭންކިން ނިޒާމަށް މިހާރު ވަންނަނީ 65 އިންސައްތަ ކަމަށެވެ.
ބޭރު ފައިސާ ބޭންކިން ނިޒާމަށް ޖަމާކުރުމާއި މާރުކުރުން ހަރުދަނާކުރުމަށް ގަވާއިދަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި، ކުރިން މި ފައިސާ މޮނިޓަކުރުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް ވެސް ގަވަރުނަރު ވިދާޅުވިއެވެ. އެގޮތުން، ރިސޯޓުތަކާއި ވިޔަފާރިތަކުގެ އާމްދަނީ ޖަމާކުރުމަށް ވަކި ޚާއްޞަ އެކައުންޓެއް ބަހައްޓަން އަންގާފައިވާ ކަމަށާއި، އެކަން ގާތުން ބަލަމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.
މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ގަވަރުނަރު ހާމަކުރެއްވި ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާއަށް އަހަރަކު 5.9 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭއިރު، އޭގެ ތެރެއިން ބޭންކިން ނިޒާމަށް ވަންނަނީ 3.8 ބިލިއަން ޑޮލަރެވެ. ރާއްޖެއަށް ލިބޭ ހުރިހާ ޑޮލަރެއް ނިޒާމަށް ވަންނަނަމަ، އެއީ ރައްޔިތުންގެ ބޭނުންތަކަށް ފުދޭވަރަށްވުރެ ވެސް ގިނަ އަދަދެއް ކަމަށް ގަވަރުނަރު ފާހަގަކުރެއްވިއެވެ.
މީރާގެ ތަފާސްހިސާބުތަކާ ހަވާލާދެއްވަމުން ގަވަރުނަރު ވިދާޅުވީ، ރާއްޖޭގައި ހިންގާ 185 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ ގާތްގަނޑަކަށް 50 ރިސޯޓުން ކަމަށެވެ. މިއީ ފައިދާ ނުވާތީތޯ ނުވަތަ އެހެން މައްސަލައެއް އުޅޭތީތޯ ބަލަންޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު މިއަހަރަށްވުރެ ކުޑަ ނަމަވެސް، ޑެފިސިޓް ބޮޑުވެ ދަރަނި އިތުރުވަމުންދާތީ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. ބަޖެޓު ފައިނޭންސްކުރުމުގައި އެތެރޭގެ ބާޒާރުގެ ބަދަލުގައި ބޭރުން ފައިނޭންސިން ހޯދުމަށް ސަރުކާރަށް ލަފާދެއްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.






