ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ މާތް ﷲގެ ލޯތްބާއި ރުހިވޮޑިގަތުން ލިބޭ މަތިވެރި އަޅުކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާ ޚާއްޞަކޮށްފައިވަނީ "ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ މުހިންމުކަން" މި މައުޟޫޢަށެވެ.
ޚުޠުބާގައި ބުނީ، މާތް ﷲގެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ އެކަލާނގެ ފަޟްލުވަންތަކަމަށް އިޢުތިރާފުވެ، އެ ނިޢުމަތްތައް އެކަލާނގެ ރުހިވޮޑިގަންނަވާ ގޮތުގައި ބޭނުންކުރުން ކަމަށެވެ. އަދި ނިޢުމަތްތައް ދެމިއޮތުމާއި ނެތިދިއުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށް ކަމަށާއި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ލޯބި ދެމެހެއްޓުމަށްޓަކައި އިސްލާމްދީން ދަސްކޮށްދޭ އެންމެ މުހިންމު އެއް ސިފައަކީ ވެސް ޝުކުރުވެރިވުން ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ.
ޝުކުރުވެރިވުމަކީ ނަބީބޭކަލުންގެ ވެސް މަތިވެރި ސިފަފުޅެއްކަން ފާހަގަކޮށް، އިބްރާހީމް ޢަލައިހިއްސަލާމާއި، ސުލައިމާން ޢަލައިހިއްސަލާމް އަދި މޫސާ ޢަލައިހިއްސަލާމްގެ ޙަޔާތްޕުޅުން ކީރިތި ޤުރުއާނުގައި ބަޔާންވެފައިވާ މިސާލުތައް ޚުޠުބާގައި ހަނދާންކޮށްދިނެވެ. އަދި ޚަދީޖާ ރަޟިޔަﷲ ޢަންހާގެ ހެޔޮފުޅުކަން ކީރިތި ރަސޫލާ ހަނދުމަފުޅުކުރެއްވި ގޮތާއި، މުޠުޢިމު ބުނު ޢަދިއްޔު ދިން ޙިމާޔަތުގެ އަގު ވަޒަންކުރެއްވި ގޮތް ވެސް ޚުޠުބާގައި ބަޔާންކުރިއެވެ.
މާތް ﷲއަށް ޝުކުރުވެރިވުމުގެ އިތުރުން، މީސްތަކުންގެ ހެޔޮ ފޯރުވުންތަކަށް ޝުކުރުއަދާކުރުމަކީ ވެސް އިސްލާމީ ތަރުބިޔަތުގައި ނުހަނު ބޮޑު އަހައްމިއްޔަތެއް ދީފައިވާ ކަމެއް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. މިގޮތުން މައިންބަފައިންނަށް ޝުކުރުވެރިވުމުގެ މުހިންމުކަން ފާހަގަކުރުމާއެކު، މީހަކު ކޮށްދޭ ހެޔޮކަމަކަށް "ޖަޒާކަﷲ ޚައިރަން" ބުނުމަކީ ޝުކުރުވެރިވުމުގެ އެންމެ މަތީ ދަރަޖަ ކަމަށް ޙަދީޘްފުޅުތަކުން އެނގޭކަން ޚުޠުބާގައި ބަޔާންކުރިއެވެ.
އަދި އެންމެހައި ނިޢުމަތްތަކަށް އަބަދުވެސް ޝުކުރުވެރިވުމަށް ހުރިހާ މުސްލިމުންނަށް ޚުޠުބާގައި ވަނީ ގޮވާލާފައެވެ.






