ކައްކާ ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރަށް ގެނައި ވަގުތީ ބަދަލު އުވާލައި، މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ފުރިހަމަ މިންވަރަށް ގޭސް އަޅައިދޭން މޯލްޑިވް ގޭހުން ނިންމައިފިއެވެ.
މޯލްޑިވް ގޭހުން މިއަދު ބުނީ، ގޭސް ސަޕްލައިކުރުމުގައި ދިމާވި ދަތިތައް މިހާރު ވަނީ ހައްލުކުރެވިފައި ކަމަށެވެ. އެހެންކަމުން، މާދަމާއިން ފެށިގެން ކަސްޓަމަރުންނަށް އާންމު އުސޫލުން ގޭސް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި، ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދަތިތައް ދިމާވުމާ ގުޅިގެން، މޯލްޑިވް ގޭހުން ވަނީ ވަގުތީ ގޮތުން ފުޅިތަކަށް އަޅައިދޭ މިންވަރު މަދުކޮށްފައެވެ.
އެގޮތުން، 10 ކިލޯގެ ފުޅިއަކަށް 7 ކިލޯ، 22 ކިލޯގެ ފުޅިއަކަށް 14 ކިލޯ އަދި 45 ކިލޯގެ ފުޅިއަކަށް 31 ކިލޯގެ ގޭސް އަޅައިދެމުން ދިޔައެވެ.
މީގެ އިތުރުން، ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ މަސައްކަތް ނިމުމުން 3 މަސް ދުވަހަށް ބޭނުންވާ ގޭސް އެއްފަހަރާ ރައްކާކުރެވި، މި މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް ވެސް މޯލްޑިވް ގޭހުން ބުނެފައިވެއެވެ.






