Thursday, November 12
ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ މާލީ އެހީ ފަސޭހައިން ލިބެން ޖެހޭ: ރައީސް

ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ ނާޒުކު ހާލަތްތަކުން އަރައިގަތުމަށްޓަކައި، ފަސޭހައިން ލިބޭނެ މޫސުމީ މާލީ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް31 ގެ ހަވާސާގައި، ޕެރިސް އެގްރީމަންޓު ތަންފީޒުކުރުން އަވަސްކުރުމާއި މާލީ އެހީތެރިކަން ހޯދުމާ ގުޅޭ މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކުދި ޖަޒީރާ ތަރައްގީވަމުންދާ ޤައުމުތަކަށް ތަރައްގީއާއި މޫސުމީ ވިލުންތެރިކަމަކީ ވަކިނުކުރެވޭނެ ދެ ކަންތައް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިފަދަ ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކަކީ ސާފުކޮށް ފެންނަން އޮތް ހަގީގަތެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖެއިން އެތައް އަހަރެއް ވަންދެން މާލީ އެހީ ލިބޭނެ ފަދަ މަޝްރޫޢުތައް އެކުލަވާލައި، ތަރައްގީގެ ރޭވުންތަކުގައި މޫސުމީ ވިލުންތެރިކަން ހިމަނައި، ބައިނަލްއަޤްވާމީ ފެންވަރުގައި މިކަމަށް ވަކާލާތުކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ދުނިޔޭގެ މާލީ ނިޒާމުގައި ހުރި އުނިކަންކަމުގެ ސަބަބުން، ރައްޔިތުންނާއި ރަށްތައް ހިމާޔަތްކުރުމަށްޓަކައި ރާއްޖެ ފަދަ ޤައުމުތަކަށް ބޮޑެތި ދަރަނިތައް ނަގަން މަޖުބޫރުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މޫސުމީ ފަންޑުތަކަކީ ފަސޭހައިން ލިބޭ، އަތްފޯރާ ފަށުގައިވާ، އަދި ނާޒުކު ޤައުމުތަކުގެ ހަގީގީ ހާލަތަށް ރިޢާޔަތްކުރާ ފަންޑުތަކަކަށް ވާންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ހަމައެކަނި އާމްދަނީއަށް ބަލައިގެން ވަޒަންނުކުރެވޭނެ ނާޒުކުކަން ބަލައިގަތުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ކުދި ޖަޒީރާ ޤައުމުތަކަށް އަމާޒުކޮށްފައިވާ "އެންޓީގުއާ އެންޑް ބާބިއުޑާ އެޖެންޑާ"ގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާފައެވެ. އަދި މޫސުމީ ވައުދުތައް ތަންފީޒުކުރުން އަވަސްކުރުމަށް އެކުލަވާލާފައިވާ "ބްރިޖް" އިސްނެގުމަށް އެމަނިކުފާނު މަރުޙަބާ ވިދާޅުވިއެވެ.

ޕެރިސް އެގްރީމަންޓު ތަންފީޒުކުރުމުގައި ހުރިހާ ޤައުމުތަކުން ސާބިތުކަމާއެކު ދެމިތިބުމަށް ގޮވާލައްވައި، ރައީސް ވިދާޅުވީ ދުނިޔޭގެ ލީޑަރުން ހަމައެކަނި ވައުދުތަކަކުން ނުފުދޭނެ ކަމަށާއި، ތާރީޚު އެބޭފުޅުންގެ މައްޗަށް ހުކުމްކުރާނީ އެންމެ ބޮޑަށް އެހީއަށް ބޭނުންވާ ފަރާތްތަކަށް ހޯދައިދޭ ނަތީޖާއަށް ބަލައިގެން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު