ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މުދަލާއި ޚިދުމަތް ހޯދައި ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ، 2024 ވަނަ އަހަރު ނިމުނުއިރު 3.51 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
މިއީ 2023 ވަނަ އަހަރު ނިމުނުއިރު ސަޕްލަޔަރުންނަށް ދައްކަން އޮތް 2.99 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 17 ޕަސެންޓު އިތުރު އަދަދެކެވެ. މީގެ އިތުރުން، އެކި ގޮތްގޮތުން ކުންފުނިން ދައްކަން އޮތް ދަރަނި ވަނީ 3.59 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ރިޕޯޓުގައިވާ ގޮތުން، 2024 ވަނަ އަހަރު ފެނަކައަށް 547 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވެއެވެ. 2023 ވަނަ އަހަރުވެސް އެ ކުންފުންޏަށް 811 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވެއެވެ.
ސަޕްލަޔަރުންނަށް ދައްކަންޖެހޭ ކަމަށް މާލީ ބަޔާނުގައި ހިމަނާފައިވާ ފައިސާގެ ތަފުސީލާއި ލިޔެކިޔުންތައް ފުރިހަމައަށް ނުލިބޭތީ، އެ އަދަދުގެ ސައްހަކަން އޮޑިޓަށް ޔަގީންކުރެވިފައި ނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ސްޓޮކާއި އިންވެންޓަރީގެ ރިކޯޑުތައް ބެލެހެއްޓުމުގައިވެސް ބޮޑެތި ފުށުއެރުންތަކެއް ހުރިކަން އޮޑިޓުން ފާހަގަކޮށްފައިވެއެވެ.
ދަރަންޏާއި ހަރަދު އިންތިހާއަށް ބޮޑުވުމުން، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގިދާނެ ކަމާމެދު ކަންބޮޑުވުން އުފެދިފައިވާ ކަމަށް ވެސް އޮޑިޓު އޮފީހުން ފާހަގަކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، މިދިޔަ ސެޕްޓެމްބަރު 7 ވަނަ ދުވަހު ފެނަކަ އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް ސްޓެލްކޯއާ ހަވާލުކުރުމަށް ނިންމަވާފައެވެ.






