Friday, November 13
ބޭސް ހޯދުން ލުއިފަސޭހަކޮށްދޭ ޕޯޓަލެއް މި މަހު ބޭނުންކުރަން ފަށަނީ

ބޭސް ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއްގެ ގޮތުން ގާއިމުކުރާ ސިޓިޒަން ޕޯޓަލް، މި ނޮވެމްބަރު މަހުގެ ނިޔަލަށް ބޭނުންކުރަން ފަށާނެ ކަމަށް ސްޓޭޓް ފާމާއިން ބުނެފިއެވެ.

ސްޓޭޓް ފާމާއިން ހާމަކުރި ގޮތުގައި، މި ޕޯޓަލް މެދުވެރިކޮށް ވަކި ބާވަތެއްގެ ބޭހެއް ލިބެން ހުރީ ކޮން ފާމަސީއަކުން ކަމާއި، އެ ބޭހުގެ އަގާއި ސްޓޮކް ހުރި މިންވަރު ކޮންމެ ތަނެއްގައި ހުރެގެންވެސް ވަގުތުން ބަލާލެވޭނެއެވެ.

ސްޓޭޓް ފާމާގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު އަހުމަދު ޒިޔާއު ސައީދު ވިދާޅުވީ، ބޭސް ލިބެން ހުރީ ކޮން ތަނަކުންކަން ނޭނގުމަކީ ރައްޔިތުންނަށް މިހާރު ކުރިމަތިވާ އެންމެ ބޮޑު ތަކުލީފު ކަމަށާއި، އެއް ފާމަސީއަކުން ބޭސް ނުލިބިއްޖެނަމަ އެހެން ފާމަސީތައް ހޯދަން ދުވަން ޖެހޭ ކަމަށެވެ.

"އެއް ފާމަސީގައި ބައެއް ބޭސް ނުހުރެދާނެ، އެހެންވީމައި އެއް ފާމަސީއިން އަނެއް ފާމަސީއަށް ދުއްވަން ޖެހެނީ. އެކަން ހުއްޓުވުމަކަށް އަޅުގަނޑުމެން ގެނެސްދޭނަން ނޮވެމްބަރުގެ ނިޔަލަށް،" ޒިޔާއު ވިދާޅުވިއެވެ.

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިންސާނީ ވަސީލަތްތަކަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ޚިދުމަތްތައް އަވަސްކުރުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށާއި، ރައްޔިތުންނަށް ވީހާވެސް އަވަހަށް ބޭސް ފޯރުކޮށްދިނުމަކީ އެންމެ ބޮޑު އަހައްމިއްޔަތު ދެވޭ ކަމެއް ކަމަށްވެސް ޒިޔާއު ވިދާޅުވިއެވެ.

ސްޓޭޓް ފާމާއިން ބުނީ، މި ނިޒާމު ގާއިމުވުމުން ރާއްޖެއަށް ބޭނުންވާ ބޭހުގެ ބާވަތްތަކާއި މިންވަރު ކުރިއާލައި ދެނެގަނެވޭނެ ކަމަށާއި، އެގޮތުން ކުރިއަށް އޮތް އަހަރަށް ބޭނުންވާނެ ފެންވަރު ރަނގަޅު ބޭސް މެދުކެނޑުމެއް ނެތި އެތެރެކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން، ގިނަ ދުވަހު ރައްކާކުރެވޭ ބޭސްތައް ރާއްޖެ ގެނެސް، އަތޮޅުތަކުގެ ރަށްރަށުގައި ރައްކާކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް ސްޓޭޓް ފާމާއިން ދަނީ ރާވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު