Thursday, November 12
ޤައުމު އިސްކޮށް، ކާބަފައިންގެ ރިވެތި ސިފަތައް ދަމަހައްޓަންޖެހޭ: މިނިސްޓަރު ހީނާ

ހުރަވީ ދުވަހުގެ ބަޠަލު ދޮން ބަންޑާރައިން ދެއްކެވި މިސާލުން ޢިބުރަތް ލިބިގަނެ، ކޮންމެ ދިވެއްސަކުވެސް ޤައުމު އިސްކޮށް، ކާބަފައިންގެ ރިވެތި އަޚްލާޤީ ސިފަތައް ދަމަހައްޓަންޖެހޭ ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ހުރަވީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

"މިފަދަ ދުވަހެއްގައި އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންވީ، ޢިބްރަތް ލިބިގަންނަންވީ މުހިއްމު ފިލާވަޅުތަކެއް އެބަހުރި. އެއީ ޤައުމުދެކެ ލޯބިވާން. ޤައުމު އިސްކުރަން. އަޅުގަނޑުމެންގެ ކާބަފައިންގެ ފަރާތުން ވާރުތަވި އެންމެހާ ރިވެތި އަޚްލާޤީ ސިފަތައް ދަމަހައްޓާން،" މިނިސްޓަރު ހީނާ ވިދާޅުވިއެވެ.

އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ނުވަތަ ދޮން ބަންޑާރައިން ޤައުމުގެ ދިފާޢުގައި ތެދުވެވަޑައިގެންނެވީ ލިބިދާނެ ވެރިކަމަކަށް ނުވަތަ ހޯދިދާނެ ޝަރަފަކަށް ބައްލަވައިގެން ނޫން ކަމަށާއި، ދިވެހި ތަޚުތު އެމަނިކުފާނަށް ހުށަހެޅުމުން ކުރެއްވީ އިންކާރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހޮޅީންގެ ބަންދުގައި ހުންނެވި ދިވެހި ރަސްގެފާނަށް ވަފާތެރިކަން އަދާކުރައްވައި، އެ ރަދުންގެ ބޭފުޅަކު ލައްވައިގެން ރަސްކަން ހިންގައިދެއްވި ކަމަށް ވިދާޅުވިއެވެ.

1752 ވަނަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހުގެ ރޭ ހޮޅީން ރާއްޖެއަށް ޙަމަލާދީ، ތިން މަހެއްހާ ދުވަހު ރާއްޖެ ހޮޅީންގެ އަތްދަށުގައި އޮތުމަށްފަހު، ދޮން ބަންޑާރައިން 200 އެއްހާ ބޭކަލުންގެ ލަޝްކަރަކާއެކު ނިކުމެވަޑައިގެން، 1753 ވަނަ އަހަރުގެ އެޕްރީލް 7 ގައި ރާއްޖެ އަލުން މިނިވަންކުރެއްވިކަން މިނިސްޓަރު ހަނދާން އާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސިޔާސަތު ބިނާވެފައިވަނީ ޢުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުމުގެ މައްޗަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އަންނަ ހޮނިހިރު ދުވަހުގެ ރޭ އިފްތިތާޙުކުރުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވިއެވެ.

ޤައުމެއްގެ ތަރައްޤީއާއި ކުރިއެރުމުގެ ޙަޤީޤީ ފޮނިމީރުކަން ރައްޔިތުންނަށް ލިބެނީ އެ ޤައުމެއްގެ އިންސާނީ ސިކުނޑިތައް އެންމެ ހެޔޮގޮތުގައި ބިނާކުރެވިގެން ކަމަށްވެސް މިނިސްޓަރު ހީނާ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު