މިހާރު ކުރަމުންދާ ވިއްސާރަ އަދިވެސް އަލިނުވާއިރު، ހަފުތާ ބަންދުގެ ހުކުރު އަދި ހޮނިހިރު ދުވަހުވެސް މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް ވިއްސާރަކޮށް ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މި ވިއްސާރަ އިއްޔެއިން ފެށިގެން އަލިވާން ފަށާނެ ކަމަށް މީގެ ކުރިން ލަފާކޮށްފައިވީ ނަމަވެސް، މޫސުން އަދިވެސް އަލިނުވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓުން ލަފާކުރާ ގޮތުގައި، ރާއްޖޭގެ އުތުރުގެ ރަށްތަކަށްވެސް ވިއްސާރައިގެ އަސަރުކުރި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އުތުރަށް މޫސުން އަލިވާން ފަށާނެއެވެ. ނަމަވެސް، މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް އަދިވެސް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވެއެވެ.
މިއަދުގެ މޫސުމަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވެއެވެ.
ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
އުތުރުގެ އަތޮޅުތަކަށް އާދައިގެ ވަރަކަށް ކަނޑު މަޑުވި ނަމަވެސް، އެހެން ހިސާބުތަކަށް އާދައިގެ ވަރަކަށް ކަނޑުގަދަވެފައި، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާކުރެވެއެވެ.
މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.
ޖުމްހޫރީ ދުވަހާއި ހަފުތާ ބަންދާއެކު ސަރުކާރު ހަތަރު ދުވަހަށް ބަންދުކޮށްފައިވާއިރު، ގިނަ ބަޔަކު އަންނަނީ ކައިރި ހިސާބުތަކަށް ދަތުރުކުރަމުންނެވެ.






