Thursday, November 12
ކުނި މެނޭޖުކުރުމުގައި އުފެއްދުންތެރިންގެ ޒިންމާ އިތުރުކުރަން ފަސްޓް ލޭޑީ ގޮވާލައްވައިފި

ކުނި މެނޭޖުކުރުމުގައި އުފެއްދުންތެރިންގެ ޒިންމާދާރުކަން އިތުރުކޮށް، ކުނި އުފެދޭ އަސްލުން ފެށިގެން އެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިހެން ގޮވާލެއްވީ، އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާގެ 31 ވަނަ ބައްދަލުވުން (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އަންތާލިޔާގައި ބޭއްވުނު "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތުރުކީވިލާތުގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެމިނޭ އުރުދުޣާންގެ ދައުވަތަކަށް ބޭއްވި މި ބައްދަލުވުމަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމާއި ތިމާވެށި ހިމާޔަތްކުރުމުގައި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށްޓަކައި ދުނިޔޭގެ ލީޑަރުންގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެން ބޭއްވި ބައްދަލުވުމެކެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ކަނޑަށް އުކާލާ ކުންޏަކީ އަމިއްލައަށް ނެތިގެންދާ އެއްޗެއް ނޫން ކަމަށާއި، އޭގެ ސަބަބުން ފަރުތަކަށާއި ކަނޑުގެ ދިރުންތަކަށާއި ކާނާގެ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށެވެ.

އަދި އެހެން ޤައުމުތަކުގައި އުފައްދައި، ބަންދުކޮށް އެކްސްޕޯޓްކުރާ ތަކެތީގެ ކުނި މެނޭޖުކުރުމުގެ ބުރަ އުފުލަންޖެހެނީ ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ޤައުމުތަކަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ. ކުނީގެ ޒިންމާއަކީ ހަމައެކަނި މުދާ ވިއްކާ ހިސާބުން ނިމޭ ކަމަކަށް ވެގެން ނުވާނެ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން، އުފެއްދުންތެރިންގެ ޒިންމާ އިތުރުކުރުމަށާއި، ތިމާވެއްޓާ ރައްޓެހި ގޮތްތަކުގައި ތަކެތި ބަންދުކުރުމަށާއި، އާ ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ އިތުރުން، ސާކިއުލަރ އިކޮނޮމީއަކަށް ބަދަލުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގު ތަނަވަސްކުރުމަށް މެޑަމް ސާޖިދާ ގޮވާލެއްވިއެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިދިޔަ އޯގަސްޓު މަހު ތަޞްދީޤުކުރެއްވި ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ގެނައި އިޞްލާޙުތައް އެކަމަނާ ފާހަގަކުރެއްވިއެވެ. އެ އިޞްލާޙުތަކުގެ ދަށުން ޤަވާޢިދާ ޚިލާފަށް ރާއްޖެއަށް ކުނި އެތެރެކުރުން މަނާކޮށް، ނުރައްކާތެރި ކުނީގެ ވިޔަފާރިކުރާ ފަރާތްތަކަށް ހަރުކަށި އަދަބުތައް ކަނޑައަޅާފައިވެއެވެ.

ދެމެހެއްޓެނިވި ބަދަލެއް ގެނައުމުގައި އާއިލާތަކާއި ސްކޫލްތަކާއި މުޖުތަމަޢުގެ ދައުރު މުހިންމު ކަމަށް ވިދާޅުވެ، އެފަދަ ބަދަލު ފެށެނީ ގޭތެރެއިން ކަމަށާއި، ހަރުދަނާވަނީ ސްކޫލްތަކުން ކަމަށާއި، ފުޅާވެގެންދަނީ މުޅި މުޖުތަމަޢުގެ ތެރެއިން ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވަނީ "ޒީރޯ ވޭސްޓް" ހަރަކާތް ކުރިއެރުވުމަށް އެމިނޭ އުރުދުޣާން ކުރައްވާ މަސައްކަތްތަކަށް ތައުރީފުކުރައްވައި، "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގެ އަމާޒުތަކަށް ރާއްޖެއިން ފުރިހަމައަށް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ބައްދަލުވުމުގެ ތެރެއިން "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ވަނީ ރަސްމީކޮށް އިފްތިތާޙުކޮށްފައެވެ. މިއީ ތުރުކީވިލާތުގެ ފަސްޓް ލޭޑީ އެމިނޭ އުރުދުޣާންގެ އިސްނެންގެވުމުގެ ދަށުން 2017 ވަނަ އަހަރު ފެށި "ޒީރޯ ވޭސްޓް މޫވްމަންޓް" ގެ މައްޗަށް ބިނާކޮށް، ސަރުކާރުތަކާއި އދ. ގެ އިދާރާތަކާއި ބައިނަލްއަޤްވާމީ ބައިވެރިން ގުޅިގެން ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖުކުރުމުގެ އުސޫލުތައް ފުޅާކުރުމަށް އެކުލަވާލި ހަރަކާތެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު