ތިނަދޫ ސިޓީގެ މޭޔަރު ސައުދު ޢަލީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިނާއީ ދައުވާތަކަކީ ސިޔާސީ ނިޔަތެއްގައި ކުރާ ދައުވާތަކެއް ކަމަށް ބުނެ، އެ ދައުވާތައް އަނބުރާ ގެންދިޔުމަށް އެމްޑީޕީން ގޮވާލައިފިއެވެ.
ސައުދު ޢަލީގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކޮށްފައިވަނީ، ތިނަދޫ ސިޓީއަކަށް ބަދަލުކުރުމަށް އެ ރަށުގެ އާބާދީގެ ޞައްޙަކަން އޮޅުވާލި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ. އެއީ އެނގިހުރެ ޞައްޙަ ނޫން ލިޔުމެއް ދިނުމުގެ ދައުވާއާއި ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދައުވާއެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، މި ދައުވާތައް ބިނާވެފައިވަނީ ތިނަދޫ ކައުންސިލުން ނިންމި ނިންމުމަކާ ގުޅިގެން ކަމަށާއި، ކައުންސިލުގެ ނިންމުމެއްގެ ޒިންމާ ސައުދު ޢަލީ ފަރުދީ ގޮތުން އުފުލައި އޭނާގެ މައްޗަށް ޖިނާއީ ދައުވާކުރުމަކީ ޤާނޫނުއަސާސީއާއި ޤާނޫނީ އާންމު އުސޫލުތަކާ ފުށުއަރާ ކަމެއް ކަމަށެވެ.
ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި މައްސަލައިގައި ޢަމަލުކޮށްފައިވަނީ އެހެން މައްސަލަތަކާ ޚިލާފަށް އާދަޔާ ޚިލާފު ހަލުވިމިނެއްގައި ކަމަށާއި، ކްރިމިނަލް ކޯޓުން ވެސް އެހެން ޤަޟިއްޔާތަކާ ތަފާތުކޮށް ވީ އެންމެ އަވަހަކަށް މި މައްސަލައިގައި ޙުކުމްކުރުމަށް އަމާޒުހިފާފައިވާ ކަން ފާހަގަކުރެވޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ. އަދި މި ދައުވާތައް ސާބިތުކުރުމަށް ދައުލަތުން އެކަށީގެންވާ ހެކި ހުށަހަޅާފައި ނުވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
މީގެ އިތުރުން، ސައުދު ޢަލީ އަލުން މޭޔަރުކަމަށް ހޮވުނަސް މަޤާމު ގެއްލުވާލައި ޖަލަށް ލާނެ ކަމަށް ޕީއެންސީގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ އާންމު ތަނެއްގައި އިންޒާރުދީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ދައުވާތައް ހުށަހަޅާފައިވާ ކަން އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.
އެމްޑީޕީން ދެކޭ ގޮތުގައި މި ފިޔަވަޅުތަކުގެ ޙަޤީޤީ ބޭނުމަކީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގެ ދަށުން ތިނަދޫ ރައްޔިތުން އިންތިޚާބުކޮށްފައިވާ މޭޔަރުގެ މަޤާމު ގެއްލުވާލުމެވެ.






