މޫސުމީ ބަދަލުގެ ކާރިސާ އުފެދުމުގައި ރާއްޖޭގެ ދައުރު ވަރަށް ކުޑަ ކަމުގައިވާއިރު، އެ ކާރިސާއިން އަރައިގަތުމަށް ދަރަނިވެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ކޮޕް31 ގެ ތެރެއިން ދުނިޔޭގެ ވެރިން ބައިވެރިވާ ޖަލްސާގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މޫސުމީ ބަދަލުގެ އަސަރުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ނަތީޖާއަކީ ޤައުމުތައް ނުހިނގާނެ ވަރަށް ދަރަނިވެރިވުން ކަމުގައި ވެގެން ނުވާނެ ކަމަށެވެ. ރާއްޖެ ހިއްސާނުވާ ކާރިސާއަކުން ސަލާމަތްވުމަށް ދަރަނިވެރިވާން ރާއްޖެއަށް މަޖުބޫރުވެގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތަރައްޤީވެފައިވާ ޤައުމުތަކުން މޫސުމީ ބަދަލާ ގުޅޭ މާލީ އެހީ ފޯރުކޮށްދިނުމުގެ ޒިންމާ ފުރިހަމަކުރަން ޖެހޭ ކަމަށާއި، އެ އެހީއަކީ ލޯނުގެ ބަދަލުގައި ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާއަކަށް ވާން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ގްރީން ކްލައިމެޓް ފަންޑަށް އަލުން ފައިސާ ފޯރުކޮށް، އެޑަޕްޓޭޝަން ފަންޑަށް ފައިސާ ޖަމާކޮށް، ގެއްލުމާއި ހަލާކުގެ ބަދަލުދޭ ފަންޑަށް (ލޮސް އެންޑް ޑެމޭޖް ފަންޑު) ފުދޭވަރަށް ފައިސާ ހޯދައިދިނުމުގެ މުހިންމުކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
އަދި ބައިނަލްއަޤްވާމީ މާލީ ނިޒާމުގައި އިސްލާހު ގެނައުމުގައި، ތަރައްޤީވަމުންދާ ކުދި ޖަޒީރާ ޤައުމުތަކުގެ ޚާއްޞަ ނާޒުކުކަމަށް ބަލަން ޖެހޭ ކަމަށާއި، ކްރެޑިޓް ރޭޓިން އޭޖެންސީތަކުން މޫސުމީ ބަދަލުތަކަށް ކުރާ އިންވެސްޓްމަންޓްތައް ވަޒަންކުރާ އުސޫލުތައް ބަދަލުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެއިން މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކާނާއާއި ހަކަތައާއި ފެނުގެ ސަލާމަތްކަން ޔަޤީންކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، ރަށްރަށުގައި ސާފު ހަކަތަ ފުޅާކުރަމުންދާ ކަމަށެވެ.






