Wednesday, November 11
ސީޕްލޭން ހާދިސާގައި އަނިޔާވި ކްރޫއަށް އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު މެންދުރު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީ.އެމް.އޭ) ގެ ސީޕްލޭނެއްގެ ކަނދެއް ބިނދި ހިނގި ހާދިސާގައި އަނިޔާވި ކްރޫއަށް، ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން ދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ހާދިސާއިން ފަހު އެ ކްރޫ ހޮސްޕިޓަލަށް ގެންދިޔައިރު ހާލު ސީރިއަސްކަމުން، ފުރަތަމަ ވެސް ފަރުވާ ދޭން ފެށީ އައިސީޔޫގައެވެ.

ހާދިސާއާ ބެހޭ މަޢުލޫމާތު އެނގޭ ފަރާތްތަކުން ބުނީ، ސީޕްލޭންގެ ކަނދު ބިނދުނު ވަގުތު އެ ކްރޫ އޭގައި ތާށިވި ކަމަށެވެ. ނަމަވެސް ކްރޫއަށް ވެފައިވާ އަނިޔާގެ ތަފުސީލެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.

މި ހާދިސާ ހިނގީ މިއަދު މެންދުރު 2:25 ހާއިރު، ވީ.އައި.އޭގެ ސީޕްލޭން ޓާމިނަލްގެ ޕްލެޓްފޯމާ ސީޕްލޭން ކައިރިކުރަމުން ދަނިކޮށެވެ. ހާދިސާ ހިނގި ވަގުތު ސީޕްލޭނުގައި ތިބި ފަސިންޖަރުންނާއި ކްރޫން ވަނީ ރައްކާތެރިކަމާއެކު ބޯޓުން ބާލާފައެވެ.

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީ.އެމް.އޭ) އިން ހާމަކުރި ގޮތުގައި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ ތަޙުޤީޤުކުރަމުންނެވެ. އަދި މިކަމުގެ އިތުރު ތަފުސީލު ފަހުން ހާމަކުރާނެ ކަމަށް ބުނެފައިވާއިރު، އިތުރު މީހަކަށް އަނިޔާވި ކަމަކަށް ބަޔާންކޮށްފައެއް ނުވެއެވެ. މީގެއިތުރުން، ފުލުހުންނަށް މި ހާދިސާގެ ރިޕޯޓު ލިބިފައިވާތީ އެކަން ހިނގައިދިޔަ ގޮތް ބަލަމުން އަންނަ ކަމަށް ފުލުހުންގެ ތަރުޖަމާން އަޙްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

މި ހާދިސާއާ ގުޅިގެން ވޯޓާ އެއަރޯޑްރޯމުން ދެމުންދާ އެއްވެސް ޚިދުމަތަކަށް ބުރޫއަރާފައި ނުވާ ކަމަށާއި، ހުރިހާ ޚިދުމަތެއްވެސް އާންމު އުސޫލުން މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ވަނީ ކަށަވަރުކޮށްދީފައެވެ..

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު