ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ހިމެނޭ ގޮތަށް ދައުވާކުރި މައްސަލައެއްގައި، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކުރުމާއެކު، ޝަމްހީދުގެ މަޖިލިސް ގޮނޑިއާމެދު ސުވާލު އުފެދިއްޖެއެވެ.
ސިވިލް ކޯޓުން އިއްޔެ ނިންމި މި މައްސަލައަކީ، އެމްއައިބީން ދޫކުރި 500،000 އެމެރިކާ ޑޮލަރުގެ ފެސިލިޓީއަކާ ގުޅިގެން ފައިސާ ނުދައްކާތީ ބޭންކުން ހުށަހެޅި މައްސަލައެކެވެ. ދައުވާކޮށްފައިވަނީ ކަމާ ގުޅޭ ދެ ކުންފުންޏަކާއި، އެ ފެސިލިޓީއަށް ޒިންމާވާ އަމިއްލަ ފަރުދުންގެ މައްޗަށެވެ. އެ ފަރުދުންގެ ތެރޭގައި މެންބަރު ޝަމްހީދުވެސް ހިމެނެއެވެ.
ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ، ފެސިލިޓީގެ ދަށުން ދައްކަންޖެހި ނުދައްކައިވާ 244،826.52 ޑޮލަރާއި ޗާޖަސްގެ ގޮތުގައި އަރާފައިވާ 36،647.76 ޑޮލަރު ހިމެނޭހެން ޖުމްލަ 281،474.28 ޑޮލަރު، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ބޭންކަށް ދައްކައި ޚަލާސްކުރުމަށެވެ.
މި ފައިސާއަކީ ޝަމްހީދު ހިމެނޭހެން ދައުވާލިބޭ ހުރިހާ ފަރާތްތަކުން އެކުގައި އަދި ވަކިވަކިން ޒިންމާވާ ގޮތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް ކަމަށްވެސް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުން، މަޖިލީހުގެ މެންބަރެއްގެ ކިބައިގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނި ކޯޓުގެ ހުކުމާ އެއްގޮތަށް އަދާކުރަމުން ނުދާނަމަ، އެ މީހަކު މެންބަރުކަމުން ވަކިވާނެއެވެ. އެހެންކަމުން، ކޯޓުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ، ޝަމްހީދުގެ ގޮނޑި ގެއްލުމުގެ ފުރުޞަތު ބޮޑެވެ.
ޝަމްހީދު ގެންދަވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާންކުރައްވައި ކެމްޕެއިން ކުރައްވަމުންނެވެ.






