Wednesday, November 11
ސާފު ހަކަތައިގެ އަމާޒުތައް ހާސިލުކުރުމަށް ބައިނަލްއަޤްވާމީ އެހީތެރިކަން ބޭނުންވާނެ: ރައީސް

ސާފު ހަކަތައަށް ބަދަލުވުމަށް ރާއްޖެއިން ކަނޑައަޅާފައިވާ އަމާޒުތައް ހާސިލުކުރެވޭނީ ބައިނަލްއަޤްވާމީ މާލީ އެހީތެރިކަމާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ތުރުކީވިލާތުގައި ކުރިއަށްދާ މޫސުމީ ބަދަލުތަކާ ބެހޭ މުޢާހަދާގެ ބައިވެރިންގެ 31 ވަނަ މަހާސިންތާ (ކޮޕް31) ގެ ހަވާސާގައި، ސާފު ހަކަތައަށް ބަދަލުވުމާ ބެހޭގޮތުން މިއަދު ބޭއްވި މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ރާއްޖެއަކީ ބޭރުގެ ޤައުމުތަކުން އެތެރެކުރާ ތެލަށް ބޮޑުތަނުން ބަރޯސާވާ ޤައުމަކަށްވާތީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ސީދާ ކުރާ ކަމަށެވެ. އެހެންކަމުން ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއިން ކަނޑައަޅާފައިވާ އަމާޒަކީ ޤައުމުގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ. އެ އަމާޒު ހާސިލުކުރުމަށް އިއާދަކުރަނިވި ހަކަތަ އުފައްދާ ނިޒާމުތަކާއި ހަކަތަ ރައްކާކުރާ ނިޒާމުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ބޭނުންވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރަށްތައް ވަކިވަކިން ހުރުމުގެ ސަބަބުން ހަކަތައިގެ ނިޒާމުތައް ޤާއިމުކޮށް ބެލެހެއްޓުމަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، 2024 އިން 2033 އަށް ހަކަތައިގެ ދާއިރާއިން ކުރިއަށްދާނެ މަގުޗާޓެއް އެކުލަވާލެވިފައިވާ ކަމަށެވެ.

މި މަސައްކަތްތައް ފުރިހަމައަށް ތަންފީޒުކުރުމަށް މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީއާއި ބޭރުގެ އިންވެސްޓްމަންޓް ބޭނުންވާތީ، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބާރުލުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު