ޕެންޝަން ސްކީމުގައި ހުރި ފައިސާ ބޭނުންކޮށްގެން ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ޝަރުޠު ހަމަވާ 24،000 އެއްހާ މީހުން ތިބި ކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.
ޕަބްލިކް ސާވިސް މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޕެންޝަން އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރު ޝަމްއާން ޝާކިރު ވިދާޅުވީ، ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާއިން ޙައްޖަށް ދިއުމުގެ ފުރުޞަތު 2019 ވަނަ އަހަރު ހުޅުވާލި ފަހުން މިހާތަނަށް 369 މީހަކު އެ ފުރުޞަތުގެ ބޭނުން ހިފައި ޙައްޖަށް ގޮސްފައިވާ ކަމަށެވެ.
ޢުމުރުން 65 އަހަރު ފުރުމަށްފަހުވެސް ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ ފަރުޟު ޙައްޖަށް ބޭނުންކުރެވޭ ގޮތަށް ޕެންޝަނާބެހޭ ޤާނޫނަށް ގެނައި އިޞްލާޙަށް، ފާއިތުވި ބުރާސްފަތި ދުވަހުން ފެށިގެން ވަނީ ޢަމަލުކުރަން ފަށާފައެވެ.
ޕެންޝަން އޮފީހުން ބުނީ، މި ސްކީމުގެ ދަށުން ޙައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމުގެ ޝަރުޠު ހަމަވާނީ މީގެ ކުރިން ފަރުޟު ޙައްޖު އަދާކޮށްފައިނުވާ، އަދި ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓުގައި މަދުވެގެން 336،000 ރުފިޔާ ހުންނަ މެންބަރުންނަށް ކަމަށެވެ. ބޯހިޔާވަހިކަމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާ މެންބަރެއްނަމަ، އެ ޢަދަދު އުނިކުރުމަށްފަހުވެސް އެކައުންޓުގައި 336،000 ރުފިޔާ ހުންނަން ޖެހެއެވެ.
މި އުޞޫލުގެ ދަށުން ޙައްޖަށް ދާން އެދޭ މެންބަރުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ޙައްޖު ދަތުރުގެ އަގުގެ 20 އިންސައްތަ ދައްކައި، ބާކީ ބައި ހަމަޖެއްސުމަށް ޕެންޝަން އޮފީހަށް ހުށަހެޅުމުން ކަނޑައެޅިފައިވާ ތަރުތީބުން ޖާގަ ރިޒާވްކޮށްދޭނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ. ނަމަވެސް އެ ފައިސާ ވަގުތުން ޕެންޝަން އެކައުންޓުން އުނިނުވާނެ ކަމަށާއި، ޙައްޖު ކޯޕަރޭޝަނާ ފައިސާ ހަވާލުކުރުމާ ހަމައަށް އެ ފައިސާ ދާނީ އިންވެސްޓްކުރެވެމުން ކަމަށް ވެސް ޕެންޝަން އޮފީހުން ބުނެއެވެ.
ޙައްޖު ކޯޕަރޭޝަންގެ މާކެޓިންގ އެންޑް ޕީއާރު ހެޑް އަބްދުﷲ މުއާޒު ވިދާޅުވީ، ޕެންޝަން ގަވާއިދަށް ގެނައި ބަދަލުގެ ސަބަބުން ޙައްޖު ކިޔޫގެ ތަރުތީބަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، ޖާގަ ލިބޭނީ އަބަދުވެސް ފައިސާ ދެއްކި ތަރުތީބުން ކަމަށެވެ. ޕެންޝަން އެކައުންޓުގައި އެ ޢަދަދު ހަމަނުވި ނަމަވެސް، ޙައްޖުގެ ޖުމްލަ އަގު ކަމަށްވާ 69،965 ރުފިޔާގެ 75 އިންސައްތަ އަމިއްލައަށް ދައްކައިގެން ކިޔޫގައި ބައިވެރިވެވޭނެ ކަމަށް ވެސް މުއާޒު ވިދާޅުވިއެވެ.
މިހާރު އަލަށް ނަން ނޯޓުކުރާ މީހުންނަށް ޙައްޖަށް ދިއުމުގެ ޖާގަ ލިބެން އޮތީ 2043 ވަނަ އަހަރު ކަމަށް ވެސް މުއާޒު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ފައިސާ ދައްކާތާ ތިން އަހަރު ވެފައިވާ، ޢުމުރުން 70 އަހަރުން މަތީގެ 324 މީހަކު އަންނަ އަހަރު ސަރުކާރުން ޙައްޖަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ އިޢުލާންކުރައްވާފައެވެ.
ރާއްޖެއިން ޙައްޖަށް މީހުން ފޮނުވުމަށް ސަޢޫދީ ޢަރަބިއްޔާއިން އަހަރަކު ދޫކުރަނީ 1،000 މީހުންގެ ކޯޓާއެކެވެ.






