މިދިޔަ ހަފުތާގައި ފުލުހުންނަށް ރިޕޯޓުކުރެވުނު ސްކޭމްގެ 38 މައްސަލައެއްގައި އާންމުންގެ އަތުން ގެއްލުނު ފައިސާގެ 67.99 އިންސައްތަ އަނބުރާ ހޯދިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މައްސަލަތަކުގައި އާންމުންގެ އަތުން ޖުމްލަ 356،163.40 ރުފިޔާ ގެއްލިފައިވާއިރު، ކަމާ ގުޅޭ މުއައްސަސާތަކާއި ބޭންކުތަކާ ގުޅިގެން ކުރި މަސައްކަތުން އޭގެ ތެރެއިން 245،389.64 ރުފިޔާ ވަނީ އަނބުރާ ހޯދައިދެވިފައެވެ. މިއީ މާލީ ކުށްތައް ހުއްޓުވުމަށާއި ރައްޔިތުންގެ މުދާ ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ.
ފުލުހުން ބުނީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ބޭރު ފައިސާ މާރުކޮށްދޭނެ ކަމަށް ބުނެ ހިންގާ މުއާމަލާތްތައް ކަމަށެވެ. އެ ބާވަތުގެ 12 މައްސަލައެއް މިދިޔަ ހަފުތާގައި ރިޕޯޓުކޮށްފައިވާއިރު، ދެވަނައަށް ގިނައީ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ އީ-ކޮމާސް ސްކޭމްގެ 9 މައްސަލައެވެ.
މީގެ އިތުރުން، ހުއްދައެއް ނެތި އެކައުންޓުން މުއާމަލާތްކޮށްގެން ހިންގި 4 މައްސަލައާއި، ކުރު މުއްދަތެއްގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ ހިންގި އިންވެސްޓްމަންޓް ސްކޭމްގެ 4 މައްސަލަ ވެސް ރިޕޯޓުކޮށްފައިވެއެވެ. އަދި ބުކިންގ ކެންސަލްކުރުން ނުވަތަ ރިފަންޑާ ގުޅޭ 3 މައްސަލައާއި، އޮޅިގެން ފައިސާ ފޮނުވިފައިވާ 3 މައްސަލައާއި، އެހެނިހެން ގޮތްގޮތަށް ހިންގާފައިވާ 3 މައްސަލަ ވެސް ހިމެނެއެވެ.
ބޭރު ފައިސާ މާރުކޮށްދޭނެ ކަމަށް ބުނެ ހިންގާ ސްކޭމްތައް އިތުރުވަމުންދާތީ، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި ބޭރު ފައިސާ މާރުކުރުމުގައި ލައިސަންސް އޮންނަ އެކްސްޗޭންޖުތައް އެކަނި ބޭނުންކުރުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
އަދި އޮންލައިންކޮށް ވިޔަފާރިކުރާއިރު އިތުބާރު ނުކުރެވޭ ފަރާތްތަކަށް ކުރިއާލައި ފައިސާ ނުފޮނުވުމަށާއި، މުދާ ލިބުމުން ފައިސާ ދައްކާ "ކޭޝް އޮން ޑެލިވަރީ" އުސޫލަށް އިސްކަންދިނުމަށް ވެސް ފުލުހުން ބާރުއަޅާފައިވެއެވެ. އާއިލާގެ މެންބަރެއް ނުވަތަ ގާތް ރަޙުމަތްތެރިއެއްގެ ނަމުގައި ފައިސާއަށް އެދި މެސެޖެއް ލިބުނު ނަމަވެސް، ފައިސާ ފޮނުވުމުގެ ކުރިން އެ މީހަކަށް ސީދާ ފޯނުން ގުޅައި މުއާމަލާތުގެ ޞައްޙަކަން ކަށަވަރުކުރުމަށް ވެސް ފުލުހުން ނަސޭހަތްތެރިވެފައިވެއެވެ.






