އިސްރާއީލުގެ ރައްޔިތުން ރާއްޖެ އެތެރެވުން ދާއިމީކޮށް މަނާކުރުމާއި ރަސްމާލޭގައި އެ ޤައުމުގެ ފަރާތްތަކަށް މުދާ ގަތުން ހުއްޓުވުމަށް ގާނޫނުތަކަށް ގެންނަ އިސްލާހުތަކާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްރާއީލާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަށް ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން އަމާޒުވެއްޖެއެވެ.
މި ފިޔަވަޅުތައް ބޮޑަށް ފާހަގަކޮށްފައިވާ މީޑިއާތަކުގެ ތެރޭގައި އިސްރާއީލުގެ ސަރުކާރުގެ ނުފޫޒު އޮންނަ "ދަ ޖެރުސަލަމް ޕޯސްޓް" ހިމެނެއެވެ. އެ ނޫހުގައި ބުނެފައިވަނީ، ފަލަސްތީނުގެ ދިފާޢުގައި ރާއްޖެއިން އަންނަނީ މެދުކެނޑުމެއް ނެތި މަސައްކަތްކުރަމުން ކަމަށާއި އިސްރާއީލާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން ކަމަށެވެ.
އެގޮތުން، ބައިނަލްއަގުވާމީ ކޯޓު (އައިސީޖޭ)ގައި އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން ކުރިއަށް ގެންދާ މައްސަލައިގެ ތެރެއަށް ރާއްޖެ ރަސްމީކޮށް ވަދެފައިވާކަން ވެސް އެ ނޫހުން ވަނީ ފާހަގަކޮށްފައެވެ.
މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ، އިމިގްރޭޝަން ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ދަށުން، އެއްވެސް ޝަރުތަކާ ނުލައި އިސްރާއީލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އެތެރެވުން މުޅިން މަނާވާނެ ކަމަށެވެ.
އެންމެ ފުރަތަމަ ހުށަހެޅުނު އިސްލާހުގައި އޮތީ، 7 އޮކްޓޫބަރު 2023 ގައި އިސްރާއީލުން ޣައްޒާގައި ފެށި ގަތުލުއާންމު ހުއްޓާލުމާ ހަމައަށް އެތެރެވުން މަނާކުރުމަށެވެ. ނަމަވެސް މިހާރު މަޖިލީހަށް ފޮނުވާފައިވާ ބިލުގައި ވަކި މުއްދަތެއް ކަނޑަނާޅައި ދާއިމީކޮށް އެކަން މަނާކޮށްފައިވާ ކަމަށް ރައީސް ވަނީ ސާފުކޮށްދެއްވާފައެވެ. އެހެން ޤައުމެއްގެ ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅޭ އިސްރާއީލުގެ މީހުންނަށް ވެސް ރާއްޖޭގެ ދޮރު ބަންދުވާނެއެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގެ ދަށުން، ރަސްމާލޭގެ އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުން މުދާ ގަތުމާއި ބިން ސަބްލީޒް ކުރުމުގެ ފުރުޞަތު އިސްރާއީލުގެ ރައްޔިތުންނަށާއި އެ ޤައުމުގެ ރައްޔިތުންގެ މިލްކުވެރިކަން ނުވަތަ ކޮންޓްރޯލް އޮންނަ ފަރާތްތަކަށް ނުލިބޭނެއެވެ.
ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވުމުން، އަނިޔާ ލިބެމުންދާ މުސްލިމުންގެ ދިފާޢުގައި ވަކާލާތުކުރުމަކީ ދީނީ ގޮތުންނާއި ޤައުމީ ގޮތުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދިވެހި ދައުލަތުން ދެކޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި އަބަދުވެސް އެންމެ އިސްކަމެއް ދެވޭނީ ފަލަސްތީނުގެ މައްސަލައަށް ކަމަށް ރިޔާސީ ބަޔާނުގައި ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.






