ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލް ކައިރީގައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭނެއް ދިޔަވެ އަޑިއަށް ދާން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގީ މިއަދު މެންދުރުފަހު، ސީޕްލޭންގެ ދެ ކަނދުގެ ތެރެއިން އެއް ކަނދު ހަލާކުވެގެންނެވެ. ހާދިސާ ހިނގިއިރު ސީޕްލޭންގައި ކްރޫންނާއެކު ފަސިންޖަރުން ވެސް ތިބި ކަމަށް މައުލޫމާތު ލިބެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ސީޕްލޭންގެ ފަހަތުކޮޅުގެ ބޮޑު ބައި އޮތީ ފެނުގެ އަޑީގައެވެ. ހާދިސާއާއެކު ސީޕްލޭން ވަނީ ޓާމިނަލްގެ ޖެޓީ ކައިރިއަށް ގެނެސްފައެވެ.
އެ ސަރަހައްދުގައި އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއުގެ ޓީމު ދަނީ ހަރަކާތްތެރިވަމުންނެވެ.
ޓީއެމްއޭއިން ވަނީ ސީޕްލޭނެއް ދިޔަވެ އަޑިއަށް ދާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ހާދިސާ ހިނގި ސަބަބާއި، ހާދިސާގައި މީހަކަށް އަނިޔާވި ކަމެއް ވޭތޯ އަދި ސާފެއް ނޫނެވެ. މި ހާދިސާއާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން މިހާތަނަށް ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.






