ވ. ފޮއްތެޔޮއިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ރަސްމާލޭގެ ފަރަށް އަރައިފިއެވެ.
ފަރަށް އެރީ ރަސްމާލޭގެ އިރުމަތި ފަރާތު ފަރަށް، "ކީސާ" ކިޔާ ދޯންޏެކެވެ. ދިވެހި ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން ބުނީ، މި ހާދިސާގެ މަޢުލޫމާތު ލިބުނީ ނޮވެމްބަރު 10 ވަނަ ދުވަހުގެ ރޭ 23:51 ހާއިރު ކަމަށާއި، އެއާއެކު މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަނުން އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.
އެގޮތުން މެންދަމު 02:37 ހާއިރު ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ދޯނި އޮތް ސަރަހައްދަށް ގޮސް، ދޯނިން ދަތުރުކުރި ދިވެއްސަކާއި ތިން ބިދޭސީން ސަލާމަތުން ހާބަރކްރާފްޓަށް ނަގާފައިވެއެވެ.
އަދި ދޯނީގެ ވެރިފަރާތުން ގެނައި "އޯސަން ރައިޑް" ދޯނި 03:37 ހާއިރު އެ ސަރަހައްދަށް ދިއުމުން، ފަޅުވެރިން އެ ދޯންޏަށް ބަދަލުކޮށްފައިވެއެވެ.
މި ހާދިސާގައި ދޯނީގެ ބިދޭސީ ފަޅުވެރިއެއްގެ ވައަތު ފައިގައި އަނިޔާވެފައިވާތީ، އޭނާ އިތުރު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.






