Wednesday, November 11
ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސާއި ފަސްޓްލޭޑީ ފޮނުއްވައިފި

ދިވެހިރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާގެ މެސެޖު ފޮނުއްވާފައިވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ވަނީ 58 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ލޮބުވެތި ދިވެހި އުޚްތުންނާއި އަޚުންނަށް އަރިސްކުރައްވާފައެވެ.

ފަސްޓްލޭޑީ ސާޖިދާ މުޙައްމަދުވެސް ވަނީ ރައްޔިތުންނަށް ފާގަތިކަމާއި ބާއްޖަވެރިކަމަށް އެދިވަޑައިގެންފައެވެ. އަދި ޖުމްހޫރީ ވެރިކަމުގެ ހިޔަލުގައި ޤައުމަށް އިތުރު ކުރިއެރުމާއި ތަމައްދުން މިންވަރުކުރެއްވުން އެދި އެކަމަނާ ދުޢާކުރައްވާފައިވެއެވެ.

ކޮންމެ އަހަރެއްގެ ނޮވެމްބަރު 11 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހެވެ. ރާއްޖޭގައި ފުރަތަމަ ޖުމްހޫރީ ވެރިކަމެއް ޤާއިމުވީ 1953 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުއެވެ. ދެވަނަ ޖުމްހޫރިއްޔާ ފެށިގެން ދިޔައީ 1968 ވަނަ އަހަރުގެ ނޮވެމްބަރު 11 ގައެވެ.

ދެވަނަ ޖުމްހޫރިއްޔާގައި މިހާތަނަށް ހަތް ބޭފުޅަކު ޤައުމުގެ ވެރިކަން ކުރައްވާފައިވެއެވެ. އެ ބޭފުޅުންނަކީ ރައީސް އިބްރާހީމް ނާޞިރާއި، ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަނާއި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިތުރުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު