Wednesday, November 11
ވިޔަފާރިތަކާ މެދު ތަފާތުކުރުން ނުގެންގުޅޭ ކަމަށް ބުނެ ގަވަރުނަރަށް މީރާއިން ރައްދުދީފި

ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގައި ވިޔަފާރިތަކުގެ ބާވަތާއި ކުޑަބޮޑު މިނަކަށް ނުބަލައި، ތަފާތުކުރުމެއް ނެތި ޤާނޫނު ހަމަހަމަކޮށް ތަންފީޒުކުރާ ކަމަށް ބުނެ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ރައްދުދީފިއެވެ.

މީރާއިން ނެރުނު ބަޔާނުގައި ބުނީ، ޤާނޫނުން މީރާއާ މަތިކޮށްފައިވާ މައިގަނޑު ޒިންމާއަކީ ޓެކްސް ޤާނޫނުތައް ތަންފީޒުކުރުމާއި ޓެކްސްއާ ބެހޭ ސިޔާސަތުތައް ހިންގުމާއި، ދައުލަތަށް ނަގާ އެންމެހައި ޓެކްސް ނެގުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން ކަމަށެވެ.

ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ހިސާބުކުރަނީ ޤާނޫނުތަކާ އެއްގޮތަށްތޯ ބެލުމާއި، އެ ފަރާތްތަކުން ޓެކުހުގެ ޒިންމާ އަދާކުރާކަން ކަށަވަރުކުރުމަކީވެސް މީރާއިން އަދާކުރަމުންދާ ޤާނޫނީ ޒިންމާއެއް ކަމަށް ބަޔާނުގައި ވެއެވެ.

މީރާއިން ހާމަކުރި ގޮތުގައި، އޮޑިޓްކުރަން ކަނޑައަޅާ ފަރާތްތައް ހޮވަނީ "ރިސްކް ބޭސްޑް" އުސޫލުގެ މައްޗަށް އިންތިޒާމުކޮށްފައިވާ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް އޮނިގަނޑެއްގެ ތެރެއިން، ހަމަހަމަ އުސޫލުތަކަކުންނެވެ.

ޓެކްސް ނިޒާމުގެ ތެރެއިން ކުދި ވިޔަފާރިތަކަށް ހިސާބު ބެލެހެއްޓުމާއި، އޮޑިޓްކުރުމާއި، ޓެކްސް ބަޔާން ހުށަހެޅުމުގައި ލުއިތަކެއް ދީފައިވާ ކަމަށްވެސް މީރާއިން ވަނީ ބުނެފައެވެ. އަދި މީރާގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ ވިޔަފާރިތަކާ ގުޅިގެން، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީގެން ޓެކްސް ކޮމްޕްލަޔަންސް އިތުރުކުރުމުގެ މައްޗަށް ކަމަށާއި، ގަސްދުގައި ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

މީރާއިން މި ބަޔާން ނެރުނީ، މީރާއިން ދާންވީ ކަންމަތީ ފިހާރަތަކަށް އެކަނި ނޫން ކަމަށާއި، ޑޮލަރުގެ މައްސަލަ ހައްލުކުރަން ރިސޯޓުތައްވެސް އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު މުނައްވަރު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި އިއްޔެ ވިދާޅުވުމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު