Wednesday, November 11
އޮކްޓޯބަރު މަހު މީރާއަށް ލިބުނު އާމްދަނީ 2.28 ބިލިއަން ރުފިޔާއަށް އަރައިފި

މިދިޔަ އޮކްޓޯބަރު މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބަލައިގަތް ޖުމްލަ އާމްދަނީ 2.28 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

މީރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަދަދަކީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 12.9 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު، މިއީ 11.8 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން ބުނީ، މިދިޔަ މަހު ލިބުނު އާމްދަނީގެ 19.6 އިންސައްތަ ލިބިފައިވަނީ ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި ޚާއްޞަ މަސައްކަތްތަކުން ކަމަށެވެ. މި މަސައްކަތުގެ ދަށުން ޖުމްލަ 448 މިލިއަން ރުފިޔާ ހޯދާފައިވާއިރު، އޭގެ ތެރޭގައި ނޯޓިސް ފޮނުވައިގެން 171 މިލިއަން ރުފިޔާ، ޑިއުސް ކްލިއަރެންސްގެ ތެރެއިން 161 މިލިއަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 98 މިލިއަން ރުފިޔާ ހިމެނެއެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ އާންމު ދާއިރާގެ ޖީއެސްޓީއާއި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުން ކަމަށް މީރާއިން ބުނެއެވެ. މީގެ އިތުރުން، އެއާޕޯޓް ޓެކުހާއި ފީ، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ އިންކަމް ޓެކުހާއި ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އިތުރުވުމާއި، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އިތުރުވުމަކީވެސް އާމްދަނީ އިތުރުވި ސަބަބުތަކެވެ.

މިދިޔަ މަހުގެ އާމްދަނީގެ އެންމެ ބޮޑު ބައި، 58.9 އިންސައްތަ ނުވަތަ 1.3 ބިލިއަން ރުފިޔާ ލިބިފައިވަނީ ޖީއެސްޓީންނެވެ. ދެވަނައަށް އެންމެ ގިނަ އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުން ކަމަށްވާއިރު، އެ ޓެކުހުން 248 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި 156 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 151 މިލިއަން ރުފިޔާ، ޑިޕާޗަރ ޓެކުހުގެ ގޮތުގައި 149 މިލިއަން ރުފިޔާ އަދި ވޯކް ޕަރމިޓް ފީގެ ގޮތުގައި 73 މިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ.

މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 96.24 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ. އަދި މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ 30 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، އޭގެ ތެރޭގައި 1.3 ބިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާއިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު