Tuesday, November 10
އޭއީއެޗަށް އަގުބޮޑުކޮށް ތަކެތި ގަތް މައްސަލައިގައި 4 މުވައްޒަފެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް މާކެޓުގައި ލިބެންހުރި އަގަށްވުރެ ބޮޑު އަގުގައި މައިކްރޯޕިޕެޓް ޓިޕްތައް ހޯދި މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފެއްގެ މައްޗަށް ދައުވާކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.

ދައުވާކުރަން ފޮނުވަނީ ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުރި ޕްރޮކިއުމަންޓް އޮފިސަރު މުހައްމަދު ސާއިން އަހުމަދާއި، ބިޑު ކޮމިޓީގެ ޗެއާޕާސަން އަޒީމް ލަތީފާއި، ބިޑު ކޮމިޓީގެ މެންބަރުން ކަމަށްވާ އަބްދުﷲ ވަހީދާއި ޑރ. ފާތިމަތު އަމާނީ ނަސީރުގެ މައްޗަށެވެ.

މި މައްސަލައަކީ އޭއީއެޗާއި އެ ހޮސްޕިޓަލުގެ ދަށުން ހިންގާ ހެލްތު ސެންޓަރުތަކަށް ހަތަރު މަސްދުވަހަށް ބޭނުންވާ ލެބޯޓަރީ ކޮންޒިއުމެބަލްސް ހޯދުމަށް 2025 ވަނަ އަހަރު ކުރި އިޢުލާނަކާ ގުޅިގެން ފެންމަތިވި މައްސަލައެކެވެ. އެ އިޢުލާނުގައި ހިމެނޭ 40,000 މައިކްރޯޕިޕެޓް ޓިޕް ހޯދުމަށް ބީލަން ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންނެވެ.

އެ ފަރާތުން ހުށަހެޅި އަގަކީ އެކަށީގެންވާ އަގެއްތޯ ބެލުމެއް ނެތި، ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް އެ ތަކެތި ހޯދާފައިވާކަން ތަޙުޤީޤުގައި ފާހަގަކުރެވިފައިވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.

އޭސީސީން ބުނީ، މި ހަތަރު މީހުންގެ މައްޗަށް ގާނޫނުލްއުގޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށާއި، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އުފުލުމަށް އެދި ފޮނުވާ ކަމަށެވެ.

މީގެ އިތުރުން، ދައުލަތަށް ގެއްލުންވި ފައިސާގެ އަދަދު ހިސާބުކޮށް، މުވައްޒަފުންގެ އިދާރީ މައްސަލަ ބަލައި، އަނބުރާ ހޯދަންޖެހޭ ފައިސާ ދައުލަތަށް ހޯދުމަށް އެންގުމަށްވެސް އޭސީސީން ވަނީ ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު