Tuesday, November 10
ކައިރި މުސްތަޤުބަލެއްގައި ބޭހުގެ މައްސަލަ ހައްލުވާނެ: ސްޓޭޓް ފާމާ

ކައިރި މުސްތަޤުބަލެއްގައި ބޭސް ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށާއި، މި މަހުގެ ނިޔަލަށް ބޭހުގެ ބޮޑު އަދަދެއް ރާއްޖެއަށް އެތެރެކޮށް ގުދަންކުރެވޭނެ ކަމަށް ޤައުމީ ބޭސް ކުންފުނި ސްޓޭޓް ފާމާއިން ބުނެފިއެވެ.

މިކަން ހާމަކުރީ ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ސްޓޭޓް ފާމާގެ މައި ވެއަރހައުސްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް މީޑިއާތަކަށް ދައްކާލުމަށް ބޭއްވި ހަރަކާތެއްގައެވެ.

އެ ހަރަކާތުގައި މީޑިއާތަކާ ވާހަކަދައްކަވަމުން ސްޓޭޓް ފާމާގެ ޗީފް ކޮމާޝަލް އޮފިސަރު އަޙްމަދު އިމާދު ވިދާޅުވީ، އެސްޓީއޯއިން ދެމުން އައި ބޭހުގެ ޚިދުމަތާ ސްޓޭޓް ފާމާއިން ހަވާލުވުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދިނީ ޚިދުމަތަށް ބުރޫއެރުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމަށް ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ 195 ފާމަސީއަށް ދަތިތަކާއެކުވެސް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އިމާދު ވިދާޅުވިއެވެ. އަދި ބޭސް ދޫކުރުން އަވަސްކުރުމަށްޓަކައި ހުޅުމާލޭ ވެއަރހައުސްގެ ޚިދުމަތް މިހާރު ރޭގަނޑު 10:00 އާ ހަމައަށް އިތުރުކޮށްފައިވާއިރު، ބޭސް އުފުލުމަށް ބޭނުންވާ އުޅަނދުތައް ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ބައިވަރު ޝިޕްމެންޓުތައް މިދިޔަ ހަފްތާގައިވެސް އައިއްސި، މިހާރުވެސް އަންނަމުން މިދަނީ، ނޮވެމްބަރު ނިމެންވާއިރު އަޅުގަނޑުމެންނަށް ބޭހުގެ ބޮޑު އަދަދެއް ގުދަންކުރެވޭނެ،" އިމާދު ވިދާޅުވިއެވެ.

އަތޮޅުތަކަށް ބޭސް ފޯރުކޮށްދިނުމުގައި ދިމާވާ ލޮޖިސްޓިކް ދަތިތައް ހައްލުކުރުމަށްޓަކައި، އަންނަ އަހަރު ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ސްޓޭޓް ފާމާގެ ވެއަރހައުސްތައް ޤާއިމުކުރުމަށް ރާވާފައިވާ ކަމަށްވެސް އިމާދު ވިދާޅުވިއެވެ.

ފާމަސީތަކުގައި ހުންނަން ލާޒިމުކުރާ އަސާސީ ބޭހުގެ ލިސްޓު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ މުރާޖަޢާކޮށް، ފާމަސީތައް ގިންތިކޮށްފައެވެ. އެ އުސޫލުގެ ދަށުން، ކޮންމެ ފާމަސީއަކުންވެސް އެ ފާމަސީއެއް ނިސްބަތްވާ ގްރޭޑަށް ކަނޑައަޅާފައިވާ ބޭހުގެ މަދުވެގެން 80 އިންސައްތަ އަބަދުވެސް ލިބެން ހުންނަން ޖެހެއެވެ.

މިހާރު ހިންގަމުންދާ ފާމަސީތަކުން އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް މި މިންގަނޑު ފުރިހަމަކުރަން ޖެހޭއިރު، އަލަށް ހުޅުވާ ފާމަސީތަކަށް ބޭސް ވިއްކުމުގެ ހުއްދަ ދޫކުރާނީވެސް މި ޝަރުތު ފުރިހަމަކުރުމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު