މޫސުމީ ވިއްސާރައާއެކު ރާއްޖޭގައި މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކާއި، އިންފްލުއެންޒާއާއި އަރިދަފުސް ރޯގާ އިތުރުވަމުންދާތީ، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ، ވިއްސާރަވުމާ ގުޅިގެން ފެން ހަރުލާ ގޮތަށް ހުންނަ ތަންތަނުގައި އެޑިސް މަދިރި އާލާވާ މިންވަރު އިތުރުވެ، ޑެންގީ ހުމާއި ޗިކުންގުންޔާ ފަދަ ބަލިތައް ފެތުރުމުގެ ފުރުޞަތު ބޮޑުވެފައިވާ ކަމަށެވެ.
އަދި ވައިގެ ޒަރީއާއިން ފެތުރޭ އިންފްލުއެންޒާ އަދި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރާ އަދަދުވެސް އަންނަނީ މައްޗަށް ދަމުން ކަމަށް އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ. އިންފްލުއެންޒާއަކީ އާދައިގެ ރޯގާއާ އެއްގޮތް އަލާމާތްތަކެއް ފެންނަ ނަމަވެސް، އާދައިގެ ރޯގާއަށްވުރެ ނުރައްކާތެރި ބައްޔެކެވެ.
މިފަދަ ބަލިތަކުގެ ނުރައްކާ ބޮޑީ ޚާއްޞަކޮށް ކުޑަކުދިންނަށާއި، ދުވަސްވީ މީހުންނަށާއި، ދާއިމީ ބަލިތައް ތަޙައްމަލުކުރަމުންދާ މީހުންނަށް ކަމަށް އެ އޭޖެންސީން ބުނެއެވެ.
ބަލިތަކުން ރައްކާތެރިވުމަށްޓަކައި ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމާއި ހޭންޑް ސެނިޓައިޒާ ބޭނުންކުރުމަށާއި، ގޯތިގެދޮރާއި ވަށައިގެންވާ ސަރަހައްދުތަކުގައި ފެން ހަރުލާ ގޮތަށް ހުންނަ ތަކެތި އުކާލައި މަދިރި އުފެދޭ ތަންތަން ނައްތާލުމަށް އެޗްޕީއޭއިން އިރުޝާދު ދީފައިވެއެވެ.
މީގެ އިތުރުން، ހަށިގަނޑު ނިވާވާ ފަދަ ހެދުން އަޅައި މަދިރި ލޯޝަން ބޭނުންކުރުމަށާއި، ކެއްސާއި ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ނިވާކޮށް، ބަލިވެއްޖެނަމަ މާސްކު އަޅައި މީހުން އެއްވާ ތަންތަނަށް ނުދިއުމަށްވެސް އެދިފައިވެއެވެ.
ބަލިޖެހިއްޖެނަމަ އަރާމުކޮށް ގިނައިން ދިޔާ ތަކެތި ބުއިމަށާއި، ތިން ދުވަހަށްވުރެ ގިނައިން ހުން ދެމިގެންދާނަމަ، ވާގިނެތޭހެން ހީވާނަމަ ނުވަތަ ކާތަކެތި ބޭރުވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.
ފަސް އަހަރުން ދަށުގެ ކުދިންނަށް ބަލިޖެހި، ގިނަ ގަޑިއިރުތަކެއް ވަންދެން ކުޑަކަމު ނުދެވޭނަމަ ނުވަތަ ގާތުން ކިރު ނުބޯނަމަ، އަވަހަށް ޞިއްޙީ ފަރުވާ ހޯދުމަކީ މުހިންމު ކަމެއް ކަމަށްވެސް އެ އޭޖެންސީން ބުނެއެވެ.
ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލްކުރުމުގައި މުއައްސަސާތަކުގެ މަސައްކަތުގެ އިތުރުން، ކޮންމެ ފަރުދެއްގެ ޒިންމާދާރުކަމަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށް އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ.






