Tuesday, November 10
ޑޮލަރުގެ މައްސަލަ ހައްލުކުރަން ރިސޯޓުތައްވެސް އޮޑިޓްކުރަން ޖެހޭ: ގަވަރުނަރު

ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމަށް ހައްލެއް ހޯދުމަށްޓަކައި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކަންމަތީ ފިހާރަތަކުގެ އިތުރުން ރިސޯޓުތައްވެސް އޮޑިޓްކުރަން ޖެހޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ގަވަރުނަރު މިހެން ވިދާޅުވީ، 2027 ވަނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ގަވަރުނަރު ވިދާޅުވި ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާއަށް އަހަރަކު ގާތްގަނޑަކަށް 5.9 ބިލިއަން ޑޮލަރު ލިބޭއިރު، ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއަށް ވަންނަނީ އޭގެ ތެރެއިން 3.8 ބިލިއަން ޑޮލަރެވެ. ރާއްޖެއަށް ލިބޭ ކޮންމެ ޑޮލަރެއް ބޭންކިންގ ނިޒާމުގެ ތެރެއަށް ވަންނަން ޖެހޭ ކަމަށާއި، އެކަމަށްޓަކައި ގާތުން މޮނިޓަރ ކުރަމުން ގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީރާއިން ހިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ރާއްޖޭގައި ހިންގާ 185 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ 50 ވަރަކަށް ރިސޯޓުން ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އޭގެ މާނައަކީ ފައިދާ ނުވުން ނުވަތަ ކޮންމެވެސް މައްސަލަތަކެއް އުޅުން ކަމަށާއި، އެހެންކަމުން ރިސޯޓުތަކުގެ ހިސާބުތައް އޮޑިޓްކުރަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އޮޑިޓްކުރަން އެބަޖެހޭ އެ ބޭފުޅުންގެ ހިސާބުތައް. އެހެންވީމާ ކަންމަތީ ފިހާރައަށް އެކަންޏެއް ނޫން މީރާ ދާންވީކީ. އަޅުގަނޑުމެންގެ ޓޫރިޒަމްގެ ހުރި ހިސާބުތައް ރަނގަޅުތޯ ވެސް ބަލަން އެބަޖެހޭ،" ގަވަރުނަރު ވިދާޅުވިއެވެ.

ކޮންމެ ޑޮލަރެއް ބޭންކިންގ ނިޒާމުގެ ތެރެއަށް ވެއްދުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތް އަންނަ އަހަރު އިތުރަށް ހަރުކަށިކުރާނެ ކަމަށް ވިދާޅުވި ނަމަވެސް، ޑޮލަރުގެ ދަތިކަމަކީ އެއް ދުވަހުން ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

ޑޮލަރުގެ އަގު ބާޒާރުގެ އޮއިވަރަށް ބަދަލުވާން ދޫކޮށްލުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ގަވަރުނަރު ވިދާޅުވީ، ބާޒާރުގައި މިހާރު ޑޮލަރުގެ އަގު ކަނޑައަޅަމުން ދަނީ ކަޅު ބާޒާރުގައި ކަމަށާއި، އެއީ ޑޮލަރުގެ އަގު އެގޮތަށް ދޫކޮށްނުލެވޭ ސަބަބު ކަމަށެވެ.

މީރާއިން އެންމެފަހުން ނެރުނު އިންކަމް ޓެކްސް ނުދައްކާ ފަރާތްތަކުގެ ލިސްޓުގައި ޖުމްލަ 43 ވިޔަފާރިއެއް ހިމެނޭއިރު، އޭގެ ތެރޭގައި ތިން ރިސޯޓެއްވެސް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު