ރާއްޖޭގެ ހަ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢުތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރީ، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ވުޒާރާގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޢަލީ ފާރިސް ޔޫސުފެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން ކަމުގައިވާ ޢާއިޝަތު މުޒްނާއާއި ޢަބްދުﷲ ނާޒިރެވެ.
މި އެއްބަސްވުންތަކުގެ ދަށުން ފެނާއި ނަރުދަމާގެ ނެޓްވޯކް ފުޅާކުރާނީ ހއ. އުލިގަމު، ހއ. މޮޅަދޫ، ރ. ކިނޮޅަސް އަދި ބ. މާޅޮހުގެ ޓޫރިޒަމް ޒޯނުތަކުގައެވެ. މީގެ އިތުރުން، ހއ. އިހަވަންދޫ އަދި ރ. އިންނަމާދޫގައި އަލަށް މީހުން އާބާދުވަމުންދާ ސަރަޙައްދުތަކަށްވެސް މި ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ.
އެގޮތުން، ހއ. އުލިގަމުގެ މަޝްރޫޢުގެ އަގަކީ 22.3 މިލިއަން ރުފިޔާއެވެ. ހއ. މޮޅަދޫގެ މަޝްރޫޢަށް 29 މިލިއަން ރުފިޔާ ޚަރަދުވާއިރު، ރ. ކިނޮޅަހުގެ މަޝްރޫޢުގެ އަގަކީ 18 މިލިއަން ރުފިޔާއެވެ. ހއ. އިހަވަންދޫގެ މަޝްރޫޢަށް 17 މިލިއަން ރުފިޔާ އަދި ރ. އިންނަމާދޫގެ މަޝްރޫޢަށް 19.1 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. މި ފަސް މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައެވެ.
ބ. މާޅޮހުގެ މަޝްރޫޢަށް 10.7 މިލިއަން ރުފިޔާ ޚަރަދުވާއިރު، އެ މަސައްކަތް ނިންމުމަށް ދީފައިވަނީ 270 ދުވަހުގެ މުއްދަތެވެ.
ވުޒާރާއިން ބުނީ، މި މަޝްރޫޢުތަކުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގައި ޤާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުތައް އިތުރަށް ހަރުދަނާކޮށް، ފުޅާ ދާއިރާއެއްގައި އެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި މި ޚިދުމަތްތައް މެދުނުކެނޑި، ދެމެހެއްޓެނިވި ގޮތެއްގައި ލިބެމުންދާނެ އިންތިޒާމު ހަމަޖެއްސުމަކީވެސް މި އެއްބަސްވުންތަކުގެ މުހިންމު ބޭނުމެއް ކަމަށް ވުޒާރާއިން ބުނެއެވެ.






