ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދޫކޮށްފައިވާ ހައުސިންގ ޔުނިޓުތަކާ ގުޅޭ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފުވި 92 މައްސަލައެއް މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ފާހަގަކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އެފްޑީސީން ނެރުނު ބަޔާނުގައި ހާމަކުރި ގޮތުގައި، މި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ހުއްދަ ނުހޯދައި ފްލެޓުތަކަށް ބަދަލު ގެނައުމުގެ މައްސަލަތަކެވެ. އެފަދަ 44 މައްސަލަ ފާހަގަކުރެވިފައިވާއިރު، އޭގެ ތެރެއިން 14 ފަރާތެއް ޖޫރިމަނާކޮށް، އެއް ފަރާތަކަށް އިންޒާރުގެ ނޯޓިސް ފޮނުވާފައިވެއެވެ.
ހުއްދަ ނެތި އެހެން މީހުންނަށް ޔުނިޓުތައް ކުއްޔަށް ދިނުމުގެ 18 މައްސަލަ ވެސް ފާހަގަކުރެވިފައިވާއިރު، އޭގެ ތެރެއިން ހަތް ފަރާތެއް ޖޫރިމަނާކޮށް، ދެ ފަރާތަކަށް އިންޒާރު ދީފައިވާ ކަމަށް އެފްޑީސީން ބުނެއެވެ. ބާކީ މައްސަލަތައް ދަނީ ތަހުގީގުކުރަމުންނެވެ.
މީގެ އިތުރުން، އާންމު ސަރަހައްދުތަކަށް ގެއްލުން ދިނުމާއި ކުނި އެޅުމުގެ ގަވާއިދާ ހިލާފުވުމުގެ މައްސަލަތަކުގައިވެސް ބައެއް ފަރާތްތަކާ މެދު ފިޔަވަޅު އަޅައި އިންޒާރު ދީފައިވެއެވެ.
ކުލި ދެއްކުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ގަވާއިދުން ކުލި ދައްކަމުން ދަނީ 3،432 ޔުނިޓަކުން ކަމަށާއި، ކުލި ނުދައްކައި ހުރި ޔުނިޓުތަކުގެ އަދަދު 495 އަށް ދަށްކުރެވިފައިވާ ކަމަށް އެފްޑީސީން ބުނެއެވެ.
އިމާރާތްތަކުގެ ރައްކާތެރިކަމާއި މުޖުތަމަޢުގެ ލާބައަށްޓަކައި ހަދާފައިވާ ގަވާއިދުތަކަށް ފުރިހަމައަށް ތަބާވެ އެއްބާރުލުން ދިނުމަށް އެފްޑީސީން ވަނީ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް އެދިފައެވެ.






