ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި ހިމެނޭ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ކުރި އިޢުލާނުގައި ބުނެފައިވަނީ، މެންބަރުކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ 18 ނޮވެންބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކަމަށެވެ. ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގައި، ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުންނެވެ.
މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
މި ފުރުޞަތު ހުޅުވާލާފައިވަނީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 59 ވަނަ މާއްދާގެ ދަށުންނެވެ.
ރާއްޖޭގެ ކައުންސިލްތަކުން ހިންގާ ހަރަކާތްތައް ހަމަޖެހޭ އުޞޫލަކުން ވިލަރެސްކުރުމުގެ މައިގަނޑު ޒިންމާ އުފުލަނީ އެލްޖީއޭއިންނެވެ. އެ އިދާރާގެ ބޯޑު އެކުލަވާލެވިފައިވަނީ ދައުލަތުގެ އިދާރާތަކުގެ އިތުރުން އަމިއްލަ ޖަމްޢިއްޔާތަކުގެ ބައިވެރިވުން ވެސް ހިމެނޭ ގޮތަށެވެ.






